ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، އައްޑޫ ސިޓީ އަށާއި، ފުވައްމުލަކަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ވިދާޅުވީ، މިނިސްޓަރ އަލީ ވަހީދުގެ މި ދަތުރުފުޅަކީ މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ހައްލު ކުރުމަށް އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން، އެފަދަ ވިޔަފާރިތައް ކުރަމުން އަންނަ ސްޓޭކްހޯލްޑަރުންނާއި، ބައްދަލުކުރެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަދި މި ދަތުރުފުޅަކީ މިނިސްޓަރ ސިލްސިލާކޮށް ފެށުމަށް ނިންމާފައިވާ ދަތުރުފުޅެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގައި ފަތުރުވެރިކަމާއި ގުޅުން ހުރި ތަންތަނަށް މިނިސްޓަރ ޒިޔާރަތް ކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅު އޮތީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައު ފަތުރުވެރިކަމާއި ގުޅުން ހުރި ދާއިރާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތައް ފަތުުރުވެރިކަމުގެ ވަކިވަކި ޑިސްޓިނޭޝަންތަކެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓްކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، މި ދަތުރުފުޅުގައި އެކަމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު