ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އިރުމަތިން އަދި އުރީދޫ އޮފީހުގެ އުތުރުން އޮންނަ ކެޔޮވަލެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އެތަނުގައި ރޯވެފައިވަނީ މިއަދު ހަވީރުގެ ވަގުތުގައެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނި ގޮތުގައި މި ތަނުގައި ހައްދާފައި ހުރި ކެޔޮގަސްތަކުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިޔާ، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ހާއިރުއެވެ. އަދި މައުލޫމާތު ލިބުމާއެކު އެސަރަޙައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރި ކަމަށް ބުންޏެވެ.

އެސަރަޙައްދުގައި ހައްދާފައި ހުރި ކެޔޮގަސްތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވީކަމުގައިވިޔަސް، މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ސަރަޙައްދަކީ ސްކޫލެއް ހުންނަ ސަރަޙައްދެއްގެ އިތުރުން އާއްމުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެތައްވެސް ހުންނަ ސަރަޙައްދެކެވެ. މި ކެޔޮވަލުގެ ވަށައިގެން އާއްމުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެތައް ހުރެއެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ކުޅުދުއްފުށީ ގެއެއްގައިވަނީ އަލިފާނުގެ ޙާދިސާއެއް ހިނގާފައެވެ. މި ޙާދިސާގައި އެގެވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.