އެސްއޯއެފް އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން އެދުނު ގޮތައް އެސްކްރޯ އެކައުންޓަށް ޖަމާ ނުކުރެވުނީ އޭސީސީއާ އެކު އެއްބަސްވުމެއް ހެދުމުގެ މާކުރިން ވެސް އެއް މިލިއަން ޑޮލަރު އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކުރައްވައިފައި ހުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"އެ ފައިސާގައި ތުހުމަތު އުޅޭ ހިސާބުން، އަޅުގަނޑަކަށް ފަސޭހައެއް ނުވޭ އެގްރީމެންޓުގައި އެހެން ބަޔާންކޮށްފައި އޮތަސް (އިސްލާމިކް ބޭންކުގެ އިންވެސްޓްމެންޓް އެކައުންޓުން) އެ ފައިސާ ނަގައި އެހެން އެކައުންޓަކަށް ލާކަށް،" ޔާމީން ވިދާޅުވި އެވެ.

އިންވެސްޓްމެންޓް އެކައުންޓުގައި އެއް މިލިއަން ޑޮލަރު ބެހެއްޓީ ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ފައިދާ ލިބޭ ގޮތަށެވެ.

"ކާކުތޯ ފައިދާ ނުވާ ގޮތަށް ބަހައްޓާނީ. އަޅުގަނޑުގެ އަމިއްލަ ފައިސާ ކަމަށް ވަންޏާ އަޅުގަނޑު ބޭނުން ގޮތެއް ހެދޭނެއެއް ނޫންތޯ؟ ކާކުތޯ މޮޔައަކު ނޫނިއްޔާ ފައިދާ ނުވާ ގޮތަށް ބޭންކު އެކައުންޓަކު ފައިސާއެއް ނުބަހައްޓާނެ،" އާއްމުކޮށް ޖަވާބުދެއްވާ އުސޫލުން ވަރަށް ސާފުކޮށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމަނިކުފާނުގެ ފައިސާ ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓަށް ވަދެފައި ހުރި ފައިސާއެއް ވަދެފައި ހުރީ މީގެ ކުރިން އަހްމަދު އަދީބު ހައްޔަރުކުރަންދެން އަޅުގަނޑަށް ކެމްޕޭން ކުރަން ލިބޭ ފައިސާ ރާއްޖޭގެ އެކި ފަރާތްތަކުން. އަޅުގަނޑުގެ ކެމްޕޭނަށް ލިބޭ ފައިސާ މެނޭޖް ކޮށްދެއްވަނީ އަދީބު. އަދީބު އަތްޕުޅުގައި ހުރި ފައިސާގެ ތެރެއިން އަޅުގަނޑު ފައިސާ ބޭނުންވެގެން ދެންނެވިން. ޚާއްސަކޮށް ފިނިފެންމާ ލޯންޗުގެ އެކްސިޑެންޓާ ގުޅިގެން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެއްމިލިއަން ޑޮލަރު ޖަމާކުރުމަށްފަހު އަދީބު އެމައުލޫމާތު އެމަނިކުފާނަށް ދެއްވި ކަމަށާއި ނަމަވެސް އެއީ ކޮން ކުންފުންޏެއް މެދުވެރިކޮށް ޖަމާވި ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ދެން އަދީބު ވިދާޅުވި ރައީސްގެ އެކައުންޓަށް މިހާރު އެއް މިލިއަން ޖަމާކޮށްފީމޭ. ދެން އޭގެ ދުވަސްކޮޅެއް ފަހުން އޭސީސީން އަޅުގަނޑަށް ގުޅާފައި މި ބުނީ ރައީސްގެ އެކައުންޓަށް އެސްއޯއެފުން ޖަމާވެފައި އެބަހުއްޓޭ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އޭސީސީން އެގޮތަށް އެންގިއިރު، އެސްއޯއެފް އަކީ ކޮން ކުންފުންޏެއް ކަން އެމަނިކުފާނަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

އެއްމިލިއަން ޑޮލަރުގެ މައްސަލައިގައި ޔާމީން ވަނީ މިއަދު ފުލުހުންގެ ބަޔާންތަކުގައި ސޮއި ކުރައްވާފައެވެ. އެހެންކަމުން މިހަފްތާ ނިމުމުގެ ކުރިން އެމަނިކުފާނުގެ މައްސަލަ ޕީޖީއަށް ފޮނުވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާތީ

    ފޮރެކްސް ޓްރޭޑް އައްތޯ އިންވެސްޓްކުރީ؟

  2. ހިމާރުލް ޤައުމު

    ޢެއީ މަނިކުފާނުގެ ފައިސާތޯ. ކީއްވެތޯ އެ ކުންފުނިން 1 މިލިއަން ޖަމާކުރީ. ކޮންމަސައްކަތެއްގެ ބަދަލުތޯ؟