ޑޮލަރު ގަތުމުގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން 80 މިލިއަން ޑޮލަރު އެމްއެމްޕީއާރްސީއަށް ދީފައިވާ ކަމަށާއި، އެފައިސާ އެއްކޮށް އަނބުރާ ކުންފުންޏަށް ލިބިފައި ނުވާކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ (ޝާޑު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ އެމްއެމްޕީއާރްސީއަށް ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން އެޑްވާންސްކޮށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ކުންފުނީގެ ލިޔެކިއުންތަކުން އެނގެން ހުރިކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން މިހާތަނަށް 80 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

"މިހާރު އެޓްރާންސެކްޝަންގެ ބެލެންސް ދައްކާގޮތުން 80 މިލިއަން ރުފިޔާގެ ޑޮލަރު ނުލިބިވޭ. ނުވަތަ 80 މިލިއަން ރުފިޔާ އެމްޕީއެލްއަށް އަންނަން ޖެހޭ އެމްއެމްޕީއާރްސީއަށް. އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އެމްއެމްޕީއެލްއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް." ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ އެފައިސާ ކުންފުންޏަށް ހޯދުމަށް ކޯޓު މަރުހަލާއިން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެފައިސާ ހޯދުމަކީ ކުންފުނީގެ ބޯޑުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޝާޑު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަތަކަކީ މިހާރު އޭސީސީ އާއި ކަމާއި ބެހޭ ފަރާތްތަކުން ތަހްގީގު ކުރަމުން އަންނަކަމަށެވެ. އަދި އެފަރާތްތަކާއި އެކު އެފައިސާ ހޯދުމަށް ކުންފުނިން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޝާޑު ވިދާޅުވީ ކުންފުނީގެ މިހާރު އޮތް ހާލަތު އޮތް ގޮތުން ގިނަ ގޮން ޖެހުން ހުރިކަމަށެވެ. އެގޮތުން ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ ގިނަ މުވައްޒަފުން ފާއިތުވި ދުވަސް ތަކުގައި ވައްދާފައިވާ ކަމަށެވެ. އަދި އެމުވައްްޒަފުންނާއި މެދު އަމަލު ކުރާނެ ގޮތް ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ ވެރިންނާއި އެކު މަޝްވަރާކޮށް ކުރިއަށް ގެންދާ ކަމަށެވެ.