ޑރ.މުހައްމަދު ޝަހީމްގެ ގާތް ރަހުމަތްތެރިޔާ އައްޝައިހް މުހައްމަދު ދީދީ އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓާއި ގުޅުމުގެ ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެޕާޓީއާ ގުޅުމާ މެދު ވިސްނަވާނަން ކަމަށް ޝަހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ރޭ ވީޓީވީގެ "ފަސްމަންޒަރު" ގައި ޝަހީމް ވިދާޅުވީ މިދިޔަ ހަފްތާގައި ޕީޕީއެމް އިން ވަކިވެ ވަޑައިގެންފައި ވާނެ ކަމަށެވެ.

ރިފޯމް ޕާޓީ އަކީ ޝަހީމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއެއް ކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.

ކުރިއަށް އޮތް ދެ ދުވަސްތެރޭ ރާއްޖެއިން ބޭރަށް ވަޑައިގެން އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމާއި ހަވާލްވެވަޑައިގަންނަވާނެ ޝަހީމް ވިދާޅުވީ ކުރިއަށްއޮތްތާ ސިޔާސީ ކަންކަމަށް ވަގުތުދެވޭ މިންވަރު މަދުވާނެކަމަށެވެ.

ޝައިޚް މުހައްމަދު ދީދީ އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރަމުންދާ ނެޝަނަލް ރިފޯމް ޕާޓީއާއި ގުޅިވަޑައިގަންނަވަން ގަސްތުކުރައްވަންތޯ ޕްރެޒެންޓަރު ސުވާލު ދެންނެވުމުން ޝަހީމް ވިދާޅުވީ ޝައިޚް ދީދީއަކީ މިއަދު ފެނިވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށެވެ. ޝައިޚް ދީދީ އެންމެ ފުރަތަމަ ދެކެވަޑައިގެންނެވީ މީގެ 26 އަހަރުކުރިންކަމަށާ ދީދީއަކީ އޭނާއަށް އުރުދޫ ބަސް ކިޔަވައިދެއްވި އުސްތާޒެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝައިޚް ދީދީއަކީ އޭނާއަށް ވަރަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅަކަށްވާތީ އަބަދުވެސް ހުންނަވާނީ ޝައިޚް ދީދީއާއެކުކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި ދީދީ ފައްޓަވާފައިއެވަނީ އިސްލާހީ މަސައްކަތެއްކަމަށް ސިފަކުރައްވާ އެމަސައްކަތަށް ކާމިޔާބާށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އިޚްތިޔާރުކުރެއްވުމުން، ޕީޕީއެމާއި ގުޅިވަޑައިގެންނެވިނަމަވެސް މިިދިޔަ ހަފްތާގެ ތެރޭގައި އެޕާޓީން ވަކިވެވަޑައިގެންފައިވާކަމަށެވެ. އަދި ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އެއްވެސް ބަޔަކާއި މައްސަލައެއް އޮވެެގެން ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިވެފައިވާއިރު، ރައީސް ޔާމީންގެ ރަނިންމޭޓްކަން ގަބޫލުކުރެއްވުނީތީ ހިތާމަކުރަންތޯ ދެންނެވުމުން ޝަހީމް ވިދާޅުވީ އެއީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށާ އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރުދަންނަވާކަމަށެވެ. އަދި ސިޔާސީ މައިދާނުގައި އުޅުއްވާއިރު، ރިސްކު ނަންގަވަންޖެހޭކަމަށާ އެ ނިންމުމާއިމެދު ހިތާމަނުކުރައްވާކަމަށެވެ.

"ރިސްކުވެސް ނަގަންޖެހޭނެ. އަޅުގަނޑު ނެގި ރިސްކަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ހައްގު ރިސްކެއް. އެ ރިސްކު އަޅުގަނޑު ނެގީ ވަރަށް ގިނަ އިލްމުވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގައި ކުރެވުނު މަސައްކަތަކީ ހަޔާތުގައިވެސް ކުރެވުނު އެންމެ އުފާވެރި މަސައްކަތްތައްކަމަށާ ނަމަވެސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގައިކަމުގައި ހުންނަވާ، ރައީސް ޔާމީންގެ ރަނިންމޭޓްކަން ގަބޫލުކުރެއްވުމުން ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެއްޖެނަމަ އެމަގާމުގައި ނުހުންނެވޭކަންވެސް އެނގިވަޑައިގަންނަވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންސާފު

    ކުރިނވެސް ތިހެން ހެދިނަމަ މާރަގަޅުވީސް ޔާމީން ފަހަތުގަ އުޅޭތީ ތި ފެއިލްވަނީ

  2. ހިމާރުލް ޤައުމު

    ސިޔާސީކަންކަމުގައި އަދި އެނޫން ކަންކަމުގައިވެސް ބަލިވުމަކީ ފެއިލްވުމެއްނޫން. ކާމިޔާބު ކިބޭމީހުން ކުރިން އެނގޭނަމަ އެންމެންވެސް އަރާނީ އެފަރާތަށް. ކުރިއަށް ވަޑައިގަންނަވާ.

  3. އަލީ ރަމީޒު

    ދީނީ އިލްމުވެރިންނޭ ކިޔާ އޮޅުވާލުމާ ދޮގުހަދާތީ މައްސަލައަކީ! ތިގޮތަށް އޮޅުވާނުލިޔަސް އެންމެންނަށްވެސް އިނގޭ ތީ ޝަހީމު އަޑީގަ ހުރެގެން ހެދި ޕާޓީއެއްކަން! އޭ އަޚާ ތަޢުބާވޭ!