އޮސްޓްރޭލިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ބްރައިސް ހަޗެސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަދުގެ މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމައެހެންމެ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމްގެ މައްޗަށްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދެޤައުމުވެސް ޝައުޤުވެރިވާ ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށާއި މިއީ ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞޯލިހު ވަނީ އެމަނިކުފާނު ކަންބޮޑުވެލައްވާ ކަންތައްތައް ވެސް ފާހަގަކުރައްވާފަ އެވެ. މި ގޮތުން އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި ޑިމޮކްރަސީގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވި އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމާއި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި އަދި އިންސާނީ ވަޞީލަތް ހަރުދަނާކުރުމަކީ އޮސްޓްރޭލިއާ އާއި ގުޅިގެން ހައްލުކުރަން ބޭނުންވާ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމެވެ. އަދި ދިވެހި ސަރުކާރުގެ މި ނިންމެވުމަށް ސަފީރު މަރުހަބާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އެކަމަށްޓަކައި އޮސްޓްރޭލިއާގެ ސަފީރު ސަރުކާރަށް ތައުރީފު ކުރެއްވެވިއެވެ.

މީގެ އިތުރުން އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްވަރަކަށް

    އަދި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އެކަމަށްޓަކައި އޮސްޓްރޭލިއާގެ ސަފީރު ސަރުކާރަށް ތައުރީފު ކުރެއްވެވިއެވެ. އޭގެތެރޭގައ ވަކި ދީނަކަށް ސަމާލުކަން ނުދީ ހުރިހާ ދީނަކަށް ވެސް އެއްވަރަކަށް ސަމާލުކަން ދިނުން ހިމެނޭ ކަމަށް މުޅިން ކަށަވަރު ނުވާ ގޮތަށް އެނގިފައި ވެއެވެ.