ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން މެންދުރު ފަހު 14:45 އަށެވެ.

މުސޫމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ގުުގުރުން އެކަށީގެންވާ ކަމަށެވެ. މީގެތެރެއިން ބައެއް ރަށް ތަކަށް ބޯކޮށް ވާރޭ ވެހުމަކީވެސް އެކަށީގެންވެއެވެ. މެދުތެރޭގެ އަތޮޅުތަކަށް ކެރީގެއަސަރުކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އުތުރުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެއެވެ.

ވައިޖެހޭނީ އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެއެވެ.

ރާއްޖޭގެ ކަނޑުތައް މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވައެވެ.