ތަމްރީނެއް ހަދަމުން ދަނިކޮށް އަވަހާރަވި އެމްއެންޑީއެފްގެ ކެޕްޓަން މުހައްމަދު ރާމިޒުގެ ކަށުނަމާދު މިއަދު އަސުރު ނަމާދަށް ފަހު އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މަރްހޫމް، ކެޕްޓަން މުހައްމަދު ރާމިޒްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރު ނަމާދަށް ފަހު އޮންނާނީ އިސްލާމީ މަރުކަޒުގއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މަރްހޫމްގެ މޫނު ދެއްކުން މިއަދު 10:30ގައި އާސަހަރާ މިސްކިތުގައި ކުރިއަށްދާނެކަމަށެވެ. މަރުހޫމް، ކެޕްޓަން ރާމިޒު ފަސްދާނުލުން އޮންނާނީ އަސްކަރީ އިއްޒަތުގައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

މަރުހޫމް، ކެޕްޓަން ރާމިޒު އަވަހާރަވިއިރު ހުންނެވީ އެމްއެންޑީއެފް ނޮދަން އޭރިއާ ޕޯސްޓްގައެވެ.

އެމްއެންޑީއެފް އިން އިއްޔެ ވިދާޅުވީ ކެޕްޓަން ރާމިޒް އިއްޔެ ހަވީރު އެކްސަސައިޒް ގައި ބައިވެރިވެ ދުވަމުން ދަނިކޮށް ކުއްލިއަކަށް ވެއްޓިގެން ވަގުތުން ފަރުވާއަށް ނައިފަރު ހޮސްޕިޓަލަށް ގެންދެވު ކަމަށެވެ. ނިޔާވި އިރު ކެޕްޓަން ރާމިޒްގެ އުމުރަކީ 48 އަހަރެވެ.

އެމްއެންޑީއެފް އިން މިއަދު ބާއްވަން ހަމަޖައްސާފައިވާ ބައެއް ހަރަކާތްތައް މަރުހޫމް، ކެޕްޓަން ރާމިޒުގެ އަވަހާރަވުމާއި ގުޅިގެން ވަނީ ކެންސަލް ވެސް ކޮށްފައެވެ.