ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަނިޔާވެރިގޮތަކަށް ބުޅާ މަރަމުން ގެންދާތީ އެކަމާ ދެކޮޅަށް ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ވެސް އަޑު އުފުއްލަވައިފިއެވެ.

އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ބުޅާ މެރުމާއި ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވަނިކޮށް އައްޑޫ ބަހުރުވައިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަނޑިޔާރު ޝަހީދު ވިދާޅުވެފައި ވަނީ ދިރިއުޅުން ބުޅަލާއެކު މާ ރަނގަޅު ކަމަށެވެ.

މިއީ ރާއްޖޭގައި ބުޅާ މެރުމާއި ދެކޮޅަށް ޝަރުޢީ ކޯޓެއްގެ ފަނޑިޔާރަކު އަޑުއުފުއްލެވި ފުރަތަމަ ފަހަރެވެ.

މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާތީ ރައްޔިތުންގެ ތެރެއިން ބަޔަކު މިކަން ހުއްޓުވުމަށް އެދި ފުލުހުންނަށް ރޭ ޕެޓިޝަނެއް ހުށައެޅުމާއިއެކު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރުވަނީ ބަލަން ފަށާފައެވެ.

މާލޭ މަގުމަތީގައި މަރާލެވިފައިވާ ބައެއް ބުޅާ- ---

ފުލުހުން ވިދާޅުވީ، މާލޭގައި ފަހަކަށް އައިސް ބުޅާ މަރާ މައްސަލަ ފުލުހުން ނުބަލަނީ އެއްވެސް ފަރާތަކުން މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައި ނެތުމުން ކަމަށެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ ބުޅާ މަރާ މައްސަލަ ބަލާފައެވެ.

ބުޅާތައް މަރަމުންދާ މައްސަލައިގައި، ރާއްޖޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ހިމާޔަތުގައި މަސައްކަތް ކުރާ ހިމޭން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މާލޭ ސިޓީ ކައުންސިލާ ހޮނިހިރު ދުވަހު ބައްދަލުކޮށް، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެހެންކަމުން ބުޅާ މަރަމުންދާ މައްސަލަ ފުލުހުން ބަލަންޖެހޭ ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ޖަނަވާރަށް އަނިޔާ ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަގުތުގެނަލަކަން

    މަމްދޫޙް

  2. عبدالله سعيد ގދ.ގައްދޫ/ދަނބުފަށުވިގެ

    ارحموا من في الأرض يرحمكم من في السماء - صلى الله عليه وسلم މިޙަދީސް ބަސްފުޅުގައި އެކުލެވިގެންވާ މާނައަކީ، ބިމުގައިވާ ތަކެއްޗަށް ރަޙުމުކުރާ މީހާއަށް އުޑުގައިވާ ކަލާނގެ ރަޙުމުކުރައްވައެވެ.

  3. ޢިންސާ

    ޢިންސާނިއްޔަތުގެ ބަދަލު ޖަނަވާރިއްޔަތުކަން މިހާރު އަށަގަންނަނީ