ނޭޝަނަލް ރިފޯމް ޕާޓީގެ ނަމުގައި ޕާޓީ އެއް އުފައްދަން ނިންމީ ރާއްޖެ ވަރަށް ބޮޑަށް އިސްލާހަށް ބޭނުންވެފައިވާތީ އިސްލާހީ މަސައްކަތް ކުރަން ކަމަށް ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް އެންމެ އިސްކޮށް ހުންނެއްވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރިން ހުންނެވި ޝައިހް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު މާބަލް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިހް މުހައްމަދު ދީދީ ވިދާޅުވީ ނޭޝަނަލް ރިފޯމް ޕާޓީ އުފައްދަން ނިންމީ ވަރަށް ގިނަ ބައެއްގެ މަޝްވަރާގެ މަތިން ކަމަށެވެ.

"އަޅުގަނޑުމެންނާއި މި ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ބޭފުޅުން ބައްދަލު ކުރެއްވި ހާއްސަކޮށް ތައުލީމީ ބޭފުޅުނާއި ދޮށީއުމުރުގެ ބޭފުޅުނާއި އަދި ޒުވާނުންވެސް ބައްދަލު ކުރެއްވި , އެ ބޭފުޅުން ވަރަށް ބޮޑަށް މިފަދަ ޕާޓީ އަކަށް ބޭނުންފުޅުވެލައްވާ ވާހަކަ ވިދާޅުވި , ހަގީގަތުގައި މި ޕާޓީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެ މިވަގުތު އިސްލާހަށް ބޭނުން ވެފައިވާތީ ރާއްޖެ އިސްލާހު ކުރަން , މި ޕާޓީން ކުރާނީ އެމަސައްކަތް " ޝައިހް މުހައްމަދު ދީދީ ވިދާޅުވިއެވެ.

ޝައިހު މުހައްމަދު ދީދީ އިތުރަށް ވިދާޅުވީ މި ޕާޓީ އުފައްދަނީ ރާއްޖޭގައި ނެތެމުންދާ ރީތި އާދަކާދަތަށް އަލުން ދިރުވައި އާލާ ކުރުމަށް ކަމަށާއި ޕާޓީއާއި ގުޅިވަޑައިގަތުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ޑރ ޝަހީމަށް ވެސް ދައުވަތުދީފައި އަޅުގަނޑުމެންނާއި ގުޅިގެން އިސްލާހީ މަސައްކަތް ކުރިއަށް ގެންދިޔުމަށް , އިރާދަ ކުރެއްވިޔާ ރާއްޖޭގެ ރައްޔިތުން ހިނަހަމަޖެހޭ ފަދަ ލީޑަރ ޝިޕެއް މި ޕާޓީން ފެނިގެން ދާނެ " ޝައިހް މުހައްމަދު ދީދީ ވިދާޅުވިއެވެ.

ނޭޝަނަލް ރިފޯމް ޕާޓީއިން އެއްވެސް ޕާޓީ އަކާއި ކޯލިޝަން ހަދާނެތޯ "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިހް މުހައްމަދު ދީދީ އަދި ތި ސުވާލަށް ޖަވާބުދޭން މާލަސް ކަމަށާއި ރިޕޯމް ޕާޓީ މަސައްކަތް ކުރަނީ އެވެސް ބަޔަކާ އެކޮޅުވެ ނުވަތަ ދެކޮޅުވެގެން ނޫން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ނޭޝަނަލް ރިފޯމް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ މިމަހު ހަވަނަ ދުވަހު ދީފައިވާއިރު މި ޕާޓީ އުފެއްދުމަށް އެންމެ އިސްކޮށް ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރިން ހުންނެވި ޝައިހް މުހައްމަދު ދީދީއެވެ.

އިލެކްޝަންސްއިން މި ޕާޓީ އުފެއްދުމުގެ މަސައްކަތަށް ހުއްދަ ދިނުމާއެކު ދެން ޕާޓީގެ އާންމު ޖަލްސާއަށް ހުއްދަ ދޭނީ 3،000 މެމްބަރުން ހަމަކޮށް، ހުށަހެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓިޖުސަ

    އެހެން ޕާޓީތައްވެސް އުފައްދާފައި ހުރީ އިސްލާހައް މަސައްކަތް ކުރާށެވެ. ވީމާ ތި ޕާޓީއައް ސަޕޯޓުކުރަން ޖެހޭ އިތުރު ސަބަބެއް ނެތް.

  2. ދޯޅަނބު

    ޝައިޚް މުޙައްމަދުދީދީ އަމިއްލަފުޅަށް އިސްލާޙުވުމަކީ މިވަގުތު މުޖްތަމަޢަށް ދެވޭ ވަރަށް އަގުހުރި ބޭނުންތރި ކަމެއް! ޤައުމަށްޓަކައި ދީނަށްޓަކައި މުޅިންވެސް ނިކުންނަވަނީ ވެރިކަން ބަދަލުކުރަން. ދީނުގެ ނަމުގައި ދީން އަށްޑަނަޔަކަށް ނަގައިހެން ވެރިކަމަށް ބޫތުހިފައި ދަހިބެފައިތިބި ސިޔާސީމީހުން ވާވައްދަމުންގޮސް ކޮންމެ ނަމެއް ކިޔައިގެން ދެން އިތުރަށް ކުރެވޭނެ ކަމެއްނެތް. މުނާފިޤުވީވަރުން ތިޔަ ޝައިޚުން ބަލައިގަންނާނެ ބަޔަކު ދެނެއްނެތް!

  3. ރަައްޔިތު މީހާ

    ހައްގު ގޮތުގައި ނަސްރު ލިބުން އެދެން