ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދުގައި ހުންނަވަނިކޮށް އަބުރާ ޖަލަށް ބަދަލުކުރީ ގެއަށް ބަދަލުކުރުމުންވި އިގުރާރާއި ހިލާފުވުމުންކަމަށް ކަރެކްޝަން އިން ވިދާޅުވެއްޖެއެވެ.

އަދީބު އަބުރާ ޖަލަށް ބަދަލުކުރުމާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަދީބު އަބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިރުޝާދާއި ހިލާފަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކާއި ގުޅިގެން ކަރެކްޝަންސް މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ސިއްހީ ހާލަތަށްޓަކައި ބައެއް ފަހަރު ގޭބަންދަށް ބަދަލުކުރަނީ އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އަދި އެގޮތަށް ބަދަލުކުރެވޭ ހާލަތްތަކުގައި ގައިދީއާ އެ ގައިދީންނާއި ހަވާލުވާ ފަރާތުން ވަކިކަން ކަމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކުރުވާ ކަމަށާއި، އަދި އެ އިގުރާރާ ހިލާފުވާ ހާލަތުގައި އަނބުރާ ޖަލަށް ބަދަލުކުރުމަކީ އެ ސާވިސްއިން އާންމުކޮށް އަމަލުކުރަމުންދާ އުސޫލު ކަަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އަދީބުއަށް އަޖީއެމްއެޗްގައި ފަރުވާދެއްވި އެ ހޮސްޕިޓަލުގެ ޔޯރޮލޮޖީގެ ހާއްސަ ޑޮކްޓަރު، ކަރެކްޝަންއަށް ވަކިގޮތަކަށް އަމަލުކުރުމަށް އަންގާފައިވާ ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު އާންމުކުރެވިފައިވީ ނަމަވެސް، ޑޮކްޓަރު އިރުޝާދު ދެއްވާފައިވަނީ ވަކި ހާއްސަ މާހައުލެއް ފޯރުކޮށްދިނުމާމެދު ރިއާޔަތްކުރުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ގޭގައި ހުރި މުއްދަތުގައި އަދީބު ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭފަދަ، ސިއްހީ އިތުރު މައްސަލައެއް ފާހަގަކުރެވިފައިނެތުމުން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި "ގޭބަންދުކުރާ ގާއިދީއާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިގުރާރު" ގައިވާ ގަވައިދާ ހިލާފަށް އަދީބު އަމަލުކޮށްފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ. އަދި އަދީބު ޖަލަށް ބަދަލުކޮށްފައި ވަނީ، ސިއްހީ ހާލަތަށް ރިއާޔަތްކޮށް އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމްކޮށްފައިކަންވެސް އެ ބަޔާނުގައި ވެއެވެ.

ކަރެކްޝަންސް އިން މިގޮތަށް ބުނިއިރު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިގޮތުގައި، އަދީބު ގޭބަންްދުން ޖަލަށް ބަދަލުކޮށްފައި ވަނީ، "ހޯމްލީ އެންވާރްމެންޓް" އެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވި މުއްދަތު ހަމަވުމުންނެވެ.އޭރު ޝައިހު އިމްރާން ވިދާޅުވެފައިވަނީ އަދީބް ގޭގައި ބަހައްޓަން ޑޮކްޓަރުން އިރުޝާދު ދީފައިވަނީ 24 އޮކްޓޯބަރުން ފެށިގެން ކަމަށެވެ. ނަމަވެސް އެޗްއާރުސީއެމްއިން ކުރި ތަހުގީގުން އެންގުނު ގޮތުގައި ނޮވެމްބަރު 10 ވަނަ ދުވަހު އަދީބުގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށް ފަރުވާ ދިނުމަށް ފަހު ޑިސްޗާޗް ކުރި އިރު ގެއަށް ބަދަލު ކުރަން ޑޮކްޓަރުން ލަފާ ދީފައިވެއެވެ. އަދީބަށް ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގެ "ޑިސްޗާޗް ސަމަރީ " ގައި ބުނެފައިވަނީ 4 ހަފްތާއާއި 6 އާ ދެމެދުގެ މުއްދަތަކަށް "ހޯމްލީ އެންވާރްމެންޓް" އެއްގައި އަދީބް ބަހައްޓައިދިނުމަށް ކަމަށް އެޗްއާރސީއެމްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މފދފގގފ

  މިހާރު ސުޓޯރީ ބަދަލް ވީ ދޯ . ކުރިން ބުނީ މުއްދަތު ހަމަވެގެނެ ޕަކާސް

 2. މޫސާ

  ޖަލުގައި ހުންނަން ޖެހޭމީހަކު ހުންނަން ޖެހޭނީ ޖަލުގައި!

 3. ދދދދދދ

  ހާދަ އަނިޔާވެރިި ސަރުކާރެކޭ. އެހާ ބަލި ހާލުގަ އުޅޭ މީހަކު ޖަލުގަ ބާއްވަން ވާނެތަ؟

 4. ޏަމްޏަމް

  މިހާރު އެހެން ލަވައެއް ދެއްތޯ؟ ޔާމީނު ހުރިއިރަށްވުރެ ގޯސްވެއްޖެ ހާލަތު. އެބަޔަަށް ހެދުނު އެއްޗެއް ހަދަނީ.

 5. އެލެކްސް

  ކޮންމެސް އެކްއްޗެއް ކިޔަންވެއްޖެ ދޯ. ޅިޔަނު އިމުރާނު ބުނަނީ ޑޮލްޓްރުދިން މުހުލަތު ހަމަވީ ކަމަށް މިހާރު ކަރެކްޝަނުން ތިބުނަނީ އިގުރާރާ ހިލާފުވީއޭ މުނާޒުވެސް ހޭއަރަންޖެހޭ އެބަ