ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ އިއްތިހާދުވެސް ބައިބައިވެއްޖެ ކަމަށާއި، ޖުމްހޫރީ ޕާޓީ ވަނީ އިދިކޮޅޫ މާދަމާ ކޯލިޝަނުން ވަކިވާން ނިންމާފައި ކަމަށް ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ޕީ.ޕީ.އެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ކަންދިމާކުރިގޮތުން އިދިކޮޅު ފަރާތްތަކަށް ބަޣާވާތެއްވެސް ކާމިޔާބު ނުވި ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިއްތިހާދުވެސް އެކީގައި ނެތް ކަމަށާއި ބައިވައިވެގެން ހިނގައްޖެކަމަށެވެ.

"އަޅުގަނޑުމެނަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ އެމްޑީޕީން އަމިއްލަ ކެންޑިޑޭޓަކު ނިކުންނަން އޮތްއިރު، މާދަމާ ޖުމްހޫރީ ޕާޓީން ނިންމާނެ އިއްތިހާދުން ވަކިވިކަން އިއުލާން ކުރަން. މާދަމާގެ ވަގުތެއްގައި މިމީހުން އެކަން ކުރާނެ. އަޅުގަނޑުމެން މިވާހަކަ ދެއްކީމަ ނޭނގެ ފަހަރެއްގައި މާދަމާ އަދި ލަސްކޮށްލަފާނެ. އެހެންނަމަވެސް ކަން ހިނގާފަ އޮތް ގޮތަކީ މިއީ، މާދަމާ ވަކިވާން ނިންމާފަ އޮތީ." އަދުރޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއެކު، ޤާސިމް އިބްރާހިމް ކުރަމުންއައި މަޝްވަރާތައް ނިމުމަކަށް އައީ ކަމަށާއި، އެމަނިކުފާނަކީ ނަޝީދު އެޖަހާ ސަކަރާތަށް ތާއީދުކުރައްވާ ބޭފުޅެއް ނޫންކަމާއި ދިވެހި ރައްޔިތުންދެކެ ވަރަށް ލޯބިވާ، ދިވެހި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއްކަން މާދަމާގެ ވަގުތެއްގައި ވީޓީވީ މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ހާމަކުރުމަށް ސްޓޭޓްމަންޓްވެސް ވަނީ ތައްޔާރުކުރައްވާފައިކަމަށް އަދުރޭ ވިދާޅުވިއެވެ.

ޝަރީއަތުގެ މަޖިލީހަށް ނުފޫޒު ފޯރުވުމަށްޓަކައި ގެއެއްގެ ތެރޭގައި ވަކިން އޮފީހެއް ހަދައިގެން، އޮފީސް ހިންގަމުން ގެންގޮސް, އިއްޒަތްތެރި ޝަރަފްވެރި މަޤާމްތައް ފުރުއްވާފައިހުރި ބޭފުޅުން ރިޔާސަތު ބަލަހައްޓަވައިގެން މި ރާއްޖޭގެ އަދުލުގެ ނިޒާމް ފުނޑާލީ ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި، ވެރިކަމަށް އަންނަން މަސައްކަތް ކުރައްވާ ބޭފުޅުން ކަން މިއަދު ދިވެހި ރައްޔިތުން ފާހަގަކުރަންޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރެއިން ބަޣާވާތް ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވުމުގެ ހުވަފެން ދެކެވަޑައިގަތް ބޭފުޅުން، ވެރިކަމަށްޓަކައި ނުކުރާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޤަބޫލުކުރަންޖެހޭ އަނެއް ހަޤީގަތަކީ މީގެ ތެރެއިން މީހަކަށް ވެރިކަން ލިބިއްޖިއްޔާ ހަސަން ތާޖުއްދީނުގެ ދެކުދިންނަށް ވީގޮތް ވެގެންގޮސްދާނެކަން ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް އަދުރޭ ރައްދުދެއްވިއެވެ.

މިމޭރުވުން ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، "ގްރޫޕެއް ހަދައިގެން އައިސް ކާމިޔާބު ވީ ނަމަވެސް އެއްބަޔަކު ތިބެފައި އަނެއް ބަޔަކު ކަނޑު ފައްތާކަށްވެސް ފަހަކަށް ނުޖެހޭނެ، އެހާވަރަށް މިތިބީ ވެރިކަމަށް ދަހިވެތިވެފައި" ކަމަށެވެ.

ދިވެހި ސިފައިންނާއި ފުލުހުންނަށް ހެޔޮއެދޭކަމަށްބުނެ، ދިވެހި ސިފައިންނާއި ފުލުހުންގެ ލަސްކަރު ފޫއަޅުވާލާ އެބައިމީހުންގެ ތެރޭގައި ބައިބައިވުން އުފައްދާ ހަސަދަވެރިކަން އުފައްދާ ފިތުނަ ފަސާދަ އުފައްދަން ޤާސިމް އިބްރާހިމް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެމަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އަބްދުﷲ ރިޔާޒް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އެންމެ މުހިންމު ދައުރެއް މިހާރު އަދާކުރަނީ އަބްދުﷲ ރިޔާޒް، އޭނާއަކީ ކުރީގައި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާފައިހުރި މީހަކަށްވީމަ، ކޮންމެސް ވަރަކަށް އޭނަ ދަންނަ މީހުން ތިބީމާ އޭނައަށް މިހީވަނީ މިރާއްޖޭގަ އުޅެނީ ހައްތަހާވެސް އޭނަ ކަހަލަ ބާޣީންނޭ" އަދުރޭ ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހި ފުލުހުންނާއި ސިފައިންގެ ތެރޭގައި އެފަދަ މީހުން ނޫޅޭކަމަށް ވަރަށް ސާބުތުކަމާއެކު އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީމު

    ފުލެޓް ވގނ

  2. ތިމަންނަ

    މިނިމަސް ކާ މީހަކަށް ނުވެ ވޭތޯ ބަލާށޭ

  3. ސަފޯ

    ބަލަ އަބްދުައްރަހީމް އަށްތަ މިފަހަރު އިލްހާމް ބާވާލެވީ ....... ޖުމްހޫރީޕާޓީ އެއް ކޯލިޝަނުން ވަކިނުވާނެ ކަމުގެ ޔަޤީން ކަން އެބައޮތް، އަދި އަރުވަން،