ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް މިއަދު ހާމަ ކުރައްވައިފިއެވެ.

މިކަން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމްގެ އިތުރުން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައި ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައްވެސް ވަނީ ހާމަ ކުރައްވާފައެވެ.

ރައީސް ޞާލިހްގެ މާލީ ބަޔާން ދައްކާ ގޮތުގައި އެމަނިކުފާނު މަގާމާއި ހަވާލުވުމުގެ ހަމަސް ދުވަސް ކުރިން މުސާރައިގެ ގޮތުގައި 1532689 (އެއްމިލިއަން ފަސްލައްކަ ތިރީސް ދެހާސް ރުފިޔާ ހަސަތޭކަ އަށްޑިހަ ނުވަ ރުފިޔާ) ލިބިވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި އޮތީ އަމިއްލަފުޅު ރަށުގައި އޮތް ގޯއްޗެއް އެކަންޏެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ މާލީ ބަޔާން ދައކްާ ގޮތުގައި އެމަނިކުފާނު މަގާމާއި ހަވާލުވުމުގެ ހަމަސް ދުވަސް ކުރިން މުސާރަ އާއި އެހެނިހެން އާމްދަނީގެ ގޮތުގައި 1710000 (އެއްމިލިއަން ހަތްލައްކަ ދިހަ ހާސް ރުފިޔާ) ލިބިވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ މިލްކިއްޔާތުގައި ފުވައްމުލަކުގައި ގޯއްޗެއް އަދި ހުޅުމާލޭގައި ދެ ފްލެޓް އެބަހުއްޓެވެ. އޭގެ އިތުރުން ދެކާރާއި ހަ ސައިކަލް ވެސް އެމަނިކުފާނުގެ މިލްކިއްޔާތުގައި އެބައޮތެވެ.

މާލީ ބަޔާނުގައި އެބޭފުޅުން މިހާރު ރައްކާކޮށްފައި ހުރި ފައިސާގެ އަދަދެއް ނެތެވެ.

ރައީސް އޮފީހުން ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ.

ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ އިސް މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެއެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މި މުހިންމު މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެއެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވުމުގައި އެ އިދާރާތަކުގެ ލަފާ ސަރުކާރުން ހޯއްދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޝަން

    ހުސް މިލިޔަންނަރުން އެހެންނު.

  2. ޠޫމާ

    ސައްހަ ބަޔާން ތަކެއް ނޫން.

  3. ކަނޑޫ ކަކުނި

    ރާއްޖޭގައި ހުރިފައިސާގެ ހިސަބު އެކަނި މާލީ ބަޔާނަށް ހުށަހެޅުމުން ފުދޭބާ މެލޭޝިޔާ، ސިރީލަންކާފަދަ ޤައުމުތަކުގައި ހުރި ޑޮލަރު އެކައުންޓް ތަކުގެ ހިސާބުވެސް ހިމަނާލިނަމަ ވަރައްފުރިހަމަވީސް

  4. ނާނާނާނާ

    ރައީސް އާއި ނައިބް ރައީސް އަދި ވަޒީރުންގެ މަޖްލީހުގެ މެމްބަރުންގެ މާލީ ބަޔާން ތަމެން ހާމަކުރި އިރު ކިއެއްވެތޭ ބޭންކް ސްޓޭޓްމެންޓްގެ ކޮޕީ އޭޒް ދި އެވިޑެންސް އާއި އެކު ހުށަނޭޅީ މަމެން ގަބޫލެއް ނުކުރާނަމޭ ތިޔާ ވައްތަރުގެ ވައްލަކޫޓި މާލީ ބަޔާން ތައް އިނގޭތޭ ދީސް ޑޭޒް އައި ހެވްންޓް ބީން ސްލީޕިިންގް ސީންގް ދަ ނައިޓްމެއަރސް އޮފް ޓްރޫ ލަޔާރސް އޭ މަމެން ނުކުރާނަމޭ ތިޔާ ވައްތަރުގެ މާލީ ބަޔާން ސެންސް މޭކް ކުރާ މާލީ ބަޔާން ހުށައެޅީމައޭ މަމެން ގަބޫލުކުރާނީ..

  5. ދދދދދ

    ފޭކު ބަޔާން ނެރޭނެ ކަމެއް ނެތް. ސަރުކާރުން ޚަރަދުވީ އެންމެ 4000 ރުފިޔާއޭ ކިޔައިގެން ނެރުނު ހެއްވާ މަޖާ ބަޔާން ކަހަލަ ބަޔާނެއްނު މުޅިންވެސް ތި ނެރެނީ. ކާކު ގަބޫލު ކުރަނީ ކަލޭމެން ނެރޭ ވަގު ބަޔާން.

  6. ކޮމެންޓްކުރާމީހާ

    ކޮބާ އިންތިހާބުގެ ކުރިން މެލޭޝިއާ ސިފައިން ތަހުގީގުކުރި އެކައުންޓުގެ މައުލޫމާތު

  7. މާލީ

    މާލީބަޔާނުން ވަރަށް ރަނގަޅަށް އެނގިއްޖެ އިކޮނޮމިކް މިނިސްޓަރު މީރާދެކެ އަންނަރުޅި. 6 ކުންފުނި ހަދައިގެން ޓެކްސް ނުކުރެވޭ ތްރެޝްހޯލްޑްގެ ގޮތުގަ (6 ގުނަ 5ލައްކަ) 3 މިލިއަން ރުފިޔާ ހޯދައި އަދި ޖީއެސްޓީއަށް ރެޖިސްޓރީނުކޮށް 6 މިލިއަން ރުފިޔާގެ އާމްދަނީ ހޯދުމުގެ ފުރުސަތު އެބައޮތް. މަކަރުހަދަނިކޮށް ހިފުނީމާ އަންނަ ރުޅިހެންހީވަނީ.

  8. މޫސާ

    ތީ ކޮންކަހަލަ މާލީ ބަޔާނެއް؟ މަށަށްވެސް ކުރިން ލިބުނު 50 މިލިއަން. އެކަމަކު މިހާރު ހުރިވަރެއް ނޭނގޭ!

  9. ހުޒާމް މުހައްމަދު

    މަރުހަބާ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް ވަރަށް ބޮޑަށް ޝުކުރިއްޔާ

  10. ނޫރާ

    ކޮބާހޭ އެތެރެޔާ ބޭރުގެ ބޭންކުތަކުގައި ބައްކޮށްފައި ހުރި ވަގު ލާރިގަނޑު..މާލީ ބަޔާނުގަ މިހާރު މިލްކިއްޔާތުގަ ހުރި ފައިސާގެ އަދަދު ނުބުނެ ތި ނެރޭނެ ކަމެއްނެތް

  11. عبدالله

    ރައީސްގެ މާލީ ބަޔާނާއި ނާއިބު ރައީސްގެ މާލީ ބަޔާނަށް ބެލުމުން އެނގެނީ، މަސައްކަތުގެ މައިދާނުގައި، ދިރިއުޅުމުގެ ޙަޔާތުގައި ހޯދިފައިވާ މާބޮޑު ކުރިއެރުމެއް، ތަރައްޤީއެއް، ނެތްކަމެވެ. މިދައްކަނީ މިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ ވާހަކައެވެ. އަދި އެމަނިކުފާނުގެ ނާއިބު ރައީސް ވާހަކައެވެ. މިދެބޭފުޅުންނަށް ލިބެމުންދާ ޢާންމުދަނީގެ މައްޗަށް މުޖުތަމަޢުގައި މިދެބޭފުޅުންނަށް ލިބިގެންވާ ދަރަޖައިގެ ނިޞްބަތުގައި މިދެބޭފުޅުން ރަނގަޅަށް ވަޒަންކުރުމުގެ ވާހަކައެވެ. އަދާކުރާ މަޤާމު ދިފާޢު ކުރެވޭވަރުގެ ހިތްވަރެއް، ފެންވަރެއް، ހުރިކަން އެނގޭނީވެސް ދިރިއުޅުމުގައި ހޯދިފައިވާ ކުރިއެރުމަށާއި ލިބިފައިވާ ތަރައްޤީއަށް ބަލައިގެންނެވެ. އެހެނީ، މިދެބޭފުޅުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރަމުން މަތިކުރަމުންގޮސް އަދާކުރައްވާ މަޤާމުގައި ދެމިހުރެވޭ ވަރު ކުރެވޭނީ ވަރަށްބޮޑު އެއްޗެއް ކުރިމަގުގައި ލިބޭނަމައެވެ.

  12. Anonymous

    ރައީސާއި ނައިބު ރައީސް ގެެ އަވާމެންދުގެ މާލީ ބަޔާނެއް
    ދެން ހަކުރު ގިންވޭ