އިސްލާމީ މަރުކަޒު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

 

ކީރިތި ރަސޫލާ (ސ.އ.ވ) ދެކެ ލޯބިވުމަކީ މާތްﷲ އަށް ކުށްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެއް ކަމުގައި މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ބަޔާން ކޮށްފައިވަނީ ރަސޫލާ (ސ.އ.ވ) ދެކެ ލޯބިވުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަކީ އެއީ އެހެން އިންސާނަކު ދެކެ ލޯބިވުމާއި އެއްފަދަ ކަމެއް ނޫން ކަމުގައެވެ.

"ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އަށް ދެއްވާފައިވާ މަޤާމަކީ މަތިވެރި މަޤާމެކެވެ. ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ދެކެ ލޯބި ވުމަކީ އެހެން އިންސާނުން ދެކެ ލޯބިވުމާއި އެއްފަދަ ކަމެއް ނޫނެވެ. އެއީ މުޅީން ތަފާތުކަމެކެވެ. މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ދެކެ ލޯބިވުމަކީ މާތްﷲ އަށް ކުށްތަންވުމުގެ ގޮތުން ކުރެވޭ މަތިވެރި އަޅުކަމެކެވެ. އީމާންކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ." ހުތުބާގައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުޢުމިނުތަކުންނަށް އެއުރެންގެ އަމިއްލަ ނަފްސުތަކަށްވުރެއް، ނަބިއްޔާ އައުލާކަން ބޮޑެވެ."

ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްފުޅުގައިވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސާއި، މުދަލާއި، ދަރީންނާއި އަދި އެންމެހައި މީސްތަކުންނަށް ވުރެ ތިމަންކަލޭގެފާނުގެ މައްޗަށް ލޯބިވުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ"

ރަސޫލާ (ސ.އ.ވ) ދެއްވާފައިވާ ހުރިހާ ހަބަރުތައް ހެޔޮ ހިތުން ގަބޫލު ކުރުމަކީވެސް އެކަލޭގެފާނަށް ލޯބިވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެކަލޭގެފާނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށާއި، އެއީވެސް އެކަލޭގެފާނަށް ލޯބިވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ރަސޫލާ (ސ.އ.ވ) ދެކެ ލޯބިވުމަކީ އެކަމުގެ ސަބަބުން އެމީހެއްގެ އުހްރަވީ ހަޔާތް އުޖާލާވެގެންދާނެ ކަމެއްކަމުގައެވެ. ހުތުބާ ނިންމާލަމުން ވަނީ ރަސޫލާ (ސ.އ.ވ) ދެކެ ލޯބިވުމަށާއި އެކަލޭގެފާނަށް ސަލާމް ލެއްވުން އެދި ދުއާކުރުމަށް މުސްލިމުންނަށް ވަސިއްޔަތް ކުރައްވާފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. "ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްފުޅުގައިވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސާއި، މުދަލާއި، ދަރީންނާއި އަދި އެންމެހައި މީސްތަކުންނަށް ވުރެ ތިމަންކަލޭގެފާނުގެ މައްޗަށް ލޯބިވުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ" ހަމަކަށަވަރުން މިކަންކަން ކުރަންޖެހޭނީ މިމަގުންނެވެ. عن أبي هريرة رضي الله عنه عن النبي صلى الله عليه وآله وسلم قال: (تركت فيكم أمرين لن تضلوا ما تمسكتم بهما: كتاب الله وسنة رسول الله صلى الله عليه وآله وسلم) رواه .

  2. ކަރުހަކުރާ ބެހޭ ސައެންސްވެރިޔާ

    މާ ބޮޑަށްވެސް ލޯބިވާން ޖެހޭނެ