އަލަށް އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ އާންމު ޖަލްސާ ރޭ ބާއްވައި ޕާޓީގެ އަސާސީ ގަވާއިދާއި ކައުންސިލް ފާސްކޮށް، ހިންގުން ފަށައިފިއެވެ.

ރޭ 317 މެމްބަރުން ބައިވެރިވި ޕާޓީގެ އާންމު ޖަލްސާގައި ޕާޓީގެ ލީޑާޝިޕަށް ބޭފުޅުން އައްޔަން ކުރުމާއި ލޯގޯ އަދި ކުލަ ވަނީ ފާސްކޮށްފައެވެ.

ވަކީލް އަބްދުﷲ ހަސީން އިސްކޮށް ހުންނަވައިގެން އުފެއްދި މި ޕާޓީގެ ކުލައެއްގެ ގޮތުގައި ފާސްކޮށްފައިވަނީ ރަތާ ކަޅާއި, ހުދު ކުލައެވެ. ލޯގޯއަކަށް ހުރީ ބިންގަލެއްގެ މަތީގައި ގާއިމުކުރެވިފައި އިން ފަސް ތަނބެވެ.

މީގެ އިތުރުން ލީޑަޝިޕަށް ހަސީންވެސް އިންތިޚާބުވެފައިވާ އިރު، އޭނާއާއެކު ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި 14 ބޭފުޅަކު ވަނީ ލީޑަޝިޕަށް އައްޔަން ކުރެވިފައެވެ.

ޕާޓީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސީން ވިދާޅުވީ ޕާޓީގެ އަމާޒަކީ މަސައްކަތްތެރިންގެ ހައްގު ލިބެންވާ މިންވަރަށް ހޯދާދިނުން ކަމަށާއި އެހެން ޕާޓީތަކުން ކުރިއަރުވަނީ ވެރިންނާއި ވިޔަފާރިވެރިންގެ ވިސްނުން ކަމަށާއި ރާއްޖެ ކުރިއަރައި ދިއުމަށް އެފިކުރު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްކޮށް ހުންނަވާ އުފައްދާ އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ އޮގަސްޓް މަހުއެވެ. މިދިޔަ މަހުގެ ކުރީކޮޅު އެ ޕާޓީން ވަނީ 3000 މެމްބަރުން ހަމަކޮށް އީސީ އަށް ފޯމު ހުށަހަޅާފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ޤަވައިދުގެ އަށް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ޕާޓީއެއް ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެޕާޓީއަކަށް ސޮއިކޮށްފައިވާ މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ޕާޓީ ރަޖިސްޓްރީކުރާއިރު ވަރަށްރީތިވާނެ އުފައްދާ މަގުސަދު. އެންމެ ފުރަތަމަވެސް ބުނާ ޖުމްލައަކީ އެވަގުތަކަށް އެންމެ ބޮޑުވެފައޮންނަ މައްސަލަ އެއީ އެޕާޓީއެއްގެ މަގުސަދު. ފަހުން އެއިން އެއްވެސް ކަމެއް ހަނދާންނެތި ޕާޓީގަނޑުގަ އޮންނަނީ ގަނެވިއްކުމާ، ވެރިކަމާ ހިފުން. މިނޫން އެއްވެސްކަމެއް، އިހުލާސްތެރިކަމެއް ރާއްޖޭގެ އެއްވެސް ސިޔާސީޕާޓީއަކުން ނުފެނޭ. ވަރަށް ކެރިހުރެގެން މިބުނަނީ މިވަގުތު އިންނާނީ ތިމަގުސަދު. ފަހުން ތީން އެއްވެސް ކަމެއް ހަދާނެއް ނުހުންނާނެ. ދިވެހިން ވުސްނަންވީ ސިޔާސީ ޕާޓީގަ ރަޖިސްޓްރީވުންދޫކޮށްލާ "ސިޔާސީ" ކުރިޔަށްއަންނަ އެއްވެސް ޕާޓީއެއްގަ ރަޖިސްޓްރީ ނުވުމަށް.

  2. ދދދދދ

    މީހުން މަރާ އެންމެންގެ ޕާޓީ. ދެން ކޮންމެ ކަމެއް ވާއިރަށް ސިޔާސީ ގޮތުންނޭ ބުނީމަ ހުންނާނީ ހަމަޖެހިފަ.

  3. ހުދު

    އަނެއް ވަބާ ޖެހުނީ ،،