ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޑުއާއި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އައްޑޫ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކަށް ފާހަގަކޮށްފައި ވަނީ ހަންކެޑެ ތަރައްގީ ކުރުމުގެ ވާހަކައެވެ.

މިނިސްޓަރާ ހަވާލާ ދެއްވައި އައްޑޫ ސިޓީ ކައުންސިލްގެ ވެބް ސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މިހާރު މަސައްކަތް ހުށްޓިފައި އޮތް ހަންކެޑެ ތަރައްގީކުރުމާއި ބެހޭ ގޮތުން މިމަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ނިންމައި، 2005 ވަނަ އަހަރު އެންމެ ފުރަތަމަ އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. އޭގެފަހުން 2008 ގައި އަލުން އަނެއްކާ ވެސް ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ ކުރެވުނެވެ.

ނަމަވެސް, އެކުންފުންޏަށްވެސް އެކަން ނުވުމުން އޭގެ ފަހުން 2013 ގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. ސިންގަޕޫރުގެ އެކުންފުނިން އެއިރު ބުނީ ހަންޑެލީގެ މަސައްކަތް 2014 ގެ ތެރޭގައި ނިމޭނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް މިއަދާ ހަމައަށްވެސް ނުނިމި މިވަނީ ދިގުލައިގެން ގޮސްފައެވެ.

ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރޭވި މަޝްރޫއުގެ ތެރެއިން ފުރަތަމަ އިއުލާން ކުރި އެއްރަށެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަންގަޑު

    ޙަންކެޑެ ބަޔަކާ ހަވާލުު ކޮއްގެން އެހެރަ ކުރިޔައް ދަނީނުން... އިންޑިއާ އާލާތުން އައްޑޫ ރައްޔިތުންނަ ނިކަން ރަނގަޅައް ތިޔަތަން ތަރއްގީ ކޮއްދޭނެ..... ޓޫރިޒަމޭ ކިޔައިގެން ޗިޕުޖަހަން ނޫޅޭ ވަހީދޫ... އަނެއްކާ ވެސް ވޯޓެއް ބޭނުން ވެގެން އެއުޅެނީ ވ ސަލާން