މާލޭގެ ބައެއް ގޭގެ އާއި ފިހާރަތަކާއި ގަރާޖްތަކުގެ ކުރިމަތީގައި ޕާކް ކުރުން ހުއްޓުވުމަށް ބަހައްޓާ ޕެލެޓްތަކުގެ ބަދަލުގައި ކޮންމެ ދުވާރަކުން މަގަށް ނުކުމެވޭ ގޮތަށް ރޭމްޕެއް ހެދުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅޭ ގޭގޭގެ އިތުރުން ގަރާޖްތައް ހަދާފައި ހުންނަ ގެ ތަކަށް ވެހިކަލްތައް ވައްދައި ނެރޭނެ ގޮތަށް އަދި ކޮންމެ ދުވާރެއްގައި ކޮންމެ ތިރީހަކަށް ފޫޓުން ރޭމްޕްތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ.

ރޭމްޕް ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މާލޭގެ ގިނަ އިމާރާތްތަކުގެ ކުރިމަތީގައި ޕެލެޓްތައް ބަހައްޓާތީ ވެހިކަލްތައް ޕާކް ކުރުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. ޕެލެޓްތައް ނުބަހައްޓާ ނަމަ، ގޭގެ އާއި ފިހާރަ އަދި ގަރާޖުތަކަށް މީހުން ވަދެ ނުކުތުމަކީ ވެސް ފަސޭހައިން ކުރެވޭކަމަށް ނުވެއެވެ.

މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައި ހުރި 600 އަށް ވުރެ ގިނަ ޕެލެޓް އިއްޔެ ސިޓީ ކައުންސިލުން ނަގައިފައެވެ.

މީގެ ކުރިން ވެސް އިދާރާތަކުން ދޭތެރެދޭތެރެއިން މަގުމަތީގައި ހުންނަ ޕެލެޓްތައް ނެގި ނަމަވެސް އަނެއްކާ ވެސް ހަމަ އެ ތަންތަނުގައި ޕެލެޓް ބަހައްޓާ މައްސަލަ ބޮޑެވެ.