ސަރުކާރުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްކޫލު ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގުރާމު މިއަދު އިފްތިތާޙު ކޮށްފައިވާއިރު، ބައެއް ސްކޫލުތަކުގައި ދޭން ހަމަޖެއްސި ނާސްތާ، އެންމެ ފަހުވަގުތު އެހެން ސްކޫލުތަކަށް ބަދަލުކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

އެގޮތުން، ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ދޭން ހަމަޖެއްސި ނާސްތާ، އެންމެ ފަހުން ވަނީ ބ. ދަރަވަންދޫގައި ހުންނަ އެއަތޮޅު މަދަރުސާގެ ކުދިންނަށް ދޭ ގޮތަށް ހަމަޖައްސާފައެވެ.

"އޭދަފުށި ޓައިމްސް" އިން ބުނެފައިވާ ގޮތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިކަން ކުރެވޭ ގޮތް ނުވީ އެސްކޫލަށް އެކަން ކޮށްދޭން ހުށަހެޅި ފަރާތުން ބީލަން އަގު ބޮޑުވުމުގެ ސަބަބުން، މަޝްވަރާކޮށްގެންވެސް އެކަން ކޮޅެއްގައި ނުޖެއްސުމުންނެވެ. އެހެންކަމުން، އެންމެ ފަހުން މި ނާސްތާ ދޭން ނިންމީ ދަރަވަންދޫގައި ހުންނަ ސްކޫލުގައެވެ.

އޭދަފުށީގައި ނެރެމުން އަންނަ އެނޫހުން އިތުރަށް ބުނެފައިވާ ގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާކަން ފާޅުކޮށް، ބީލަން ހުށަހަޅާފައިވަނީވެސް އެންމެ ފަރާތަކުންނެވެ.

މިއަދު ބައެއް ސްކޫލުތަކުގައި ނާސްތާ ދޭން ފަށާފައިވާއިރު، ޕައިލެޓް ޕްރޮގްރާމެއްގެ ގޮތަށް އެކަން ފަށާފައި ވަނީ އެންމެ 25 ސްކޫލެއްގައެވެ. އެހެންނަމަވެސް، ސަރުކާރުގެ ވައުދަކީ ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމެވެ. އެހެންކަމުން، ޕައިލެޓް ޕްރޮގުރާމުގެ ނަތީޖާއަށް ބެލުމަށްފަހު ހުރިހާ ސްކޫލުތަކެއްގައި މިކަން، އަންނަ ޓާމު ފަށާނެކަމަށް މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕޮފުބާ

    ދެވޭނެބާ ކޮންމެދުވަހަކު

  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތީ ދުވަސްކޮޅަކުން ވަޅުޖަހާނެކަމެއް. ނުވާނެ ތިކަމެއް. ނުވާނެ. އަދިވެސް މިބުނީ ދާއިމީގޮތެއްގަ ނުވާނެ. ބެލެނިވެރިން ބޮލަށްއަރާތަން ބަލަންތިބޭ. މިކޮމެންޓް ފޮޓޮއެއް ނަގާލާތި ޕްރޫފްއަކަށް.

  3. ޖަހާންގިރި

    އެހެންވީމާ ކިޔަވައިދޭނެ ކަމެއް ނެތް ޖަޒީރާ ރާއްޖޭގައި ނާސްތާ ކޮށްގެން ގެޔަށް ދާނީ އަތިރި މަތީގައި ވޮށިފިލާ އަޅަން .

  4. ބާބު

    ތިވައުދުމިހާރުތިފުދުނީ ލާދީނީރީދޫކުދިން
    ބާރަން އަތްޖަހާބޮލާފޮށާއަޅާގެން

  5. عبدالله

    ކަންކުރަން ނުދަންނަ ބަޔަކާއި މަޤާމުތައް ޙަވާލުކުރުމުން ތިޔަބާވަތުގެ ކަންކަން މިރާއްޖޭގައި ކުރިމަތިނުވެ ނުދާނެއެވެ.

  6. މަހަށް

    އިބޫ ކަލޭ މަހަށްދޭބަލަ ހުރިހާ ދަރވަރުއްނަށްދޭން ވައުދުވީ އަމާބުނީތީ ފަރަށްދޯ

  7. ޢާމިނަތު

    ނާސްތާ ދިނީމޭ ބުނަން ވެގެން ކުރާ ކަމެއް. ކުލާހެއްގެ ހުރިހާ ކުދިންނަށް ހަމަވެސް ނުވޭ. ޑިސްޕޯސަބަލް ތަށީގައި ދިން އިރު އެވެސް ކިހާ ބޮޑު ވޭސްޓެއް. އެވެސް ވާނީ ހަމަ ސިންގަލް ޕްލާސްޓިކް ޔޫސް އަކަށް ނޫންތޯ. ދޯދިޔާ ކޮށް ކޮންމެ ކަމެއްވެސް ކުރިއަށް ގެންދެވެނީ. ކޮންމެ ކުއްޖަކަށް ލަންޗް ބޮކްސް އެއް ހޯދަން އެންގިނަމަ.