ސްޕްރީމް ކޯޓުން "ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް" ތައާރަފްކޮށް، އެ ގަވާއިދަށް މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ސްޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއިކުރައްވައި ނެރުނު އެ ސަރޖިއުލާގައި ހާމަކޮށްފައިވާގޮތުގައި، އެ ގަވާއިދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދުގެ ނުވަ ވަނަ މާއްދާގެ ދަށުން، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލެމުގައި އަމަލުކުރާނެ ގޮތުގެ އެންމެހާ އުސޫލްތައް ބަޔާންކޮށްފައިވާ ގަވާއިދެވެ.

އެ ގަވާއިދުގެ މަގްސަދުތަކުގެ ތެރޭގައި، ގާނޫނުގައި ކުޑަކުދިން ކަމުގައި ބުނާ ކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުގީގުކޮށް ކުރިއަށްގެންދިއުމާއި، ދައުވާ އުފުލުމާއި، ޝަރީއަތް ހިންގުމުގައި މުއައްސަސާތަކުގެ މެދުގައި އެއް އުސޫލުތަކެއް ގާއިމް ކުރުމަށް މަގުފަހި ކުރުމާއި އެކަށީގެންވާ އަވަސް މިނެއްގައި ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ތުހުމަތުތަކުގެ ތަހުގީގާއި، ދައުވާކުރުމާއި، ޝަރިއަތް މަރުހަލާތައް ކުރިއަށްގެންދިއުމަށް މަގުފަހި ކުރުން ހިމެނެއެވެ.

އަދި ޖިނާއީ އަދުލުގެ ހުރިހާ މަރުހަލާއެއްގައިވެސް އެ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއި، އެ ކުދިންގެ ހައްގުތަކަށް އުނިކަމެއް ނާންނަފަދަ ގޮތެއްގެ މަތިން އަމަލު ކުރުމާއި، އެ ނިޒާމަކީ ކުދިން އިސްލާހުކޮށް، އަނބުރާ މުޖުތަމައުއަށް ގެނައުމުގެ މައްޗަށް ބިނާވެފައި އޮންނަން ޖެހޭ ނިޒާމަކަށް ވާތީ އެ ކުދިންގެ އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުން ހިމެނެއެވެ. އަދި މި މަސައްކަތުގައި މުއައްސަސާތަކުގެ މެދުގައި އެއް ތަސައްވަރެއް އޮތުމާއި، މުއައްސަސާތަކުގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުންވެސް ހިމެނެއެވެ.

އެ ސާރކިއުލާގައި ހާމަކޮށްފައިވާގޮތުގައި، އެ ގަވާއިދު ހަމަޖެހިގެން ދާނީ ކުޑަކުދިން ކުރާ މައްސަލަތައް ބަލައި، ތަހުގީގުކޮށް، އިންސާފްކޮށް އަދަބުދީ، އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމުގެ ދާއިރާތަކުގެ މެދުގައެވެ.

އެ ގަވާއިދުގައި ކުޑަކުދިން ކުރާ ކުށްތަކުގެ މައްސަލަތައް އަވަހަށް ނިންމުމަށް އަންގާފައި ވެއެވެ.

އެ ގަވާއިދަށް އަމަލު ކުރުމުގައި ކުޑަކުދިން ކަމުގައި ބަލާނީ މީލާދީ ގޮތުން އުމުރުން 10 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުދިންނަށެވެ.