މާލޭގައި މުއްދަތު ހަމަވެފައިވާ ތަކެއްޗާއި، ބޭނުން ކުރުން މަނާކޮށްފައިވާ މުދާތައް އުކާލުމުގައި މެދު ކަންތައް ކުރާނެ ގޮތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަނދާންކޮށްދީފިއެވެ.

ވެމްކޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މިހާރަކަށް އައިސް މުއްދަތު ހަަމަވެފައިވާ ތަކެއްޗާއި، ބޭނުން ކުރުން މަނާކޮށްފައިވާ މުދާތައް ނައްތާލުމަށްޓަކައި މާލޭގެ ޓްރާންސްފާ ސްޓޭޝަނަށް ގެންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. ނަމަވެސް އުސޫލެއްގެ ގޮތުން މިފަދަ ކުނިތައް ބަލައިގަންނަނީ ތިލަފުށީގަައި ގާއިމްކޮށްފައިވާ ވޭސްޓް ޑިސްޕޯސަލް ސައިޓުން ކަމަށެވެ.

".. ލިޔެކިޔުން ފުރިހަމަ ނުވުމުގެ ސަބަބުން މިފަދަ ކުނި ނައްތާލުމުގައި ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ". ވެމްކޯގެ އިއުލާނުގައި ވެއެވެ.

އެެހެންކަމުން، މާލޭގައި މުއްދަތު ހަމަވެފައިވާ ތަކެއްޗާއި، ބޭނުން ކުރުން މަނާތަކެތީގެ ގޮތުގައި އުފެދޭ ކުނި ވެމްކޯއިން ބަލައިގަތުމުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން، މިފަދަ ކުނިތައް ނައްތާާލުމަށް ބޭނުންވާ ލިއުމެއް ކުންފުނީގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ. އަދި އެކަމުގެ ހުއްދަ އާއި އެކަމަށް ބޭނުންވާ ފޯމް އެ ކުންފުނިން އެ ފަރާތަށް ދޭނެއެވެ. އަދި ނައްތާލަން ބޭނުންވާ ކުނީގެ ބާވަތްތަކުގެ ތަފްސީލު ލިސްޓަކާއި، އެ ކުނިތައް ތިލަފުއްޓަށް އުފުލާނެ، އުޅަނދު ފުރާނެ ދުވަހާއި ގަޑިވެސް އެ ކުންފުނީގެ ތިލަފުށި އޮފީހަށް އަންގަން ޖެހޭނެއެވެ. އަދި އުސޫލުގެ ތެރެއިން އެކަމަށް ބޭނުންވާ ފީ ދެއްކުމުން، ކުނި ނައްތާލުމުގެ މަސައްކަތުގައި އެ ކޯޕަރޭޝަންގެ އެހީ ލިބިގެންދާނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

އަދި އެ ކުނިތައް ނައްތާލުމުގެ ހުއްދައަށް އެދި ވެމްކޯގެ ހެޑް އޮފީހަށާއި، ތިލަފުށި އޮފީހަށްވެސް ވަކި ލިޔުންތަކެއް ހުށަހަޅަން ޖެހެވެ.

ވެމްކޯއިން ވަނީ އެ ގައިޑްލައިންއަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލީ ނޫހިރީ ފިހާރައިން ވިއްކަމުން ދަނީ މުއްދަތު ހަމަވެފައި ހުންނަ ތަކެތި..މުއްދަތު ހަމަ ވީމާ މުއްދަތު ގަލަމުން ކަޑާލާފަ. މުއްދަތެއް ޖަހާގެން ވިއްކަމުން ދަނީ.. މިއީ މީރާއިން ވެސް ބަލާންޖެހޭ ކަމެއް.. މިއީ ތޯ މީރާއިން ހުއްދަދީފައިވާ ގޮތަކީ..