އިއްޔެ ރާއްޖެ އައި ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފައިވާކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ 08:53 ހާއިރު ރާއްޖެ އައިތަނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"މި މީހާގެ ލަގެޖް ކަސްޓަމުން ސްކޭންކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ޕެކެޓު ފެނިފައިވެއެވެ"، ފުލުޔުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން 21 އަހަރުގެ އިތުރު ބިދޭސީއަކުވެސް މާލެއިން ހައްޔަރުކޮށްފައިވާކަަމަށެވެ.
އަދި އޭނާ އަތުލައިގެންފައި ވަނީ އިއްޔެ މެންދުރު ފަހު 15:05 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.
"އެމީހާ ދިރިއުޅޭ ގޭގެ ވެރިފަރާތުގެ ހުއްދަ އާއި އެކު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްްހުރި 26 ރަބަރު ޕެކެޓު އެމީީހާ ދިރިއުޅޭ ގެއިން ފެނިފައިވެއެވެ". ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގެ ހިމެނޭ ދެ މީހުންގެވެސް ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.