ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ވިދާޅުވީ، ރައީސް އިބޫގެ މިދަތުރުފުޅަކީ ޔޫ.އޭ.އީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެގޮތުން ރައީސްގެ މި ދަތުފުޅުގައި މާދަމާ ހަމަޖެހިފައިވާ "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅާއި ބެހޭ މައުލޫމާތު މިއަދު ދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޔޫއޭއީ އާއި އެކު ޚާއްސަ ގުޅުމެއް އުފެދެން ފަށާފައިވާ ކަމަށާއި ރައީސްގެ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީ އަށް އެހީތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ދާދި ފަހުން ޔޫއޭއީ އަށް ވަޑައިގަތެވެ.