ކ.އަތޮޅު ދިއްފުށީ ކައިރިން މޫދަށް އެރި އުޅެނިކޮށް މިއަދު ގެނބިގެން މަރުވި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް އަނބުރާ ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު މަރުވި 30 އަހަރުގެ އަންހެން މީހާ އާއި 29 އަހަރުގެ ފިރިހެން މީހާގެ ހަށިގަނޑު މެންދުރު ވަނީ މާލެ ގެނެސްފައެވެ. އަދި މިހާރު އެ ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިއަދު މަރުވި ދެމަފިރިންނަކީ ދިއްފުށީ "ކްރައުން ބީޗް" ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ދެމަފިރިންނެވެ.

އެމީހުން މަރުވީ ދިއްފުށްޓާއި މީރުފެންފުށި ދެމެދުގައި އޮންނަ ފަޅަށް އެރި އުޅެނިކޮށެވެ. ދިއްފުށީ މީހުން ބުނާ ގޮތުގައި ދެމަފިރިން ގެނބުނު ސަރަހައްދަކީ ވަރަށް ތިލަކޮށް އޮވެފައި، ވިލު ފުން ސަރަހައްދެކެވެ.

ފުލުހުން މިއަދު ވިދާޅުވީ ދިއްފުއްޓާއި މީރު ފެންފުއްޓާއި ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިޔަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 10:56 ގައި ކަމަށެވެ.

ދިއްފުށީ ހެލްތު ސެންޓަރަށް އެމީހުން ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލަ ފުލުހުން މިހާރު ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.

ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ ފަތުރުވެރިން މަރުވުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިފަދަ ހާދިސާތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކުން މާބޮޑު މަސައްކަތެއް ކުރާކަމެއް އެނގިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތެއް

    ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާއިރު ފަތުރުވެރިންނަށް އަމާން ކަމާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ
    ގުދުރަތީ މަރަކުން ނޫންގޮތަކަށް މީހަކު މަރުވުމަކީ އެކަމުގެ އިހްމާލް ރާއްޖެއިން ނަގަން
    ޖެހޭނެ ކަމެކެވެ ތަކުރާރުކޮށް ގެނބިގެން މީހުން
    މަރުވާއިރު އެކަމަށް ހައްލުހޯދެން އޮތްގޮތަކަށް
    ހައްލުހޯދަން ޖެހެއެވެ އެހެންނޫން ނަމަ ރާއްޖޭގެ
    ފަތުރުވެރިކަމުގެ މޫނުމަތި ހުތުރު ވެދާނެއެވެ