މި ދެ މީހުންނަކީ އިއްޔެ ގެނބިގެން މަރުވި ލިއޯމާ އާއި އެރީކާ ޖޮއިސްއެވެ. މި ދެ މީހުންނަކީ ހައިސްކޫލްގައި އުޅުނު ދުވަސްވަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުންނެވެ. ދުވަސްވީ ލޯބީގެ ގުޅުން، ވަރުގަދަކޮށް ކައިވެނީގެ ގޮށް ޖެހީ މިދިޔަ އަހަރުއެވެ. އަދި އެއަށްފަހު މި ދެ މީހުންވެސް ރާއްޖެ އައީ ހަނީމޫނަށެވެ.

ރާއްޖެ އައުމަކީ ދެމަފިރިންގެވެސް ހުވަފެނެކެވެ. އަދި މި މަހުގެ 11 ވަަނަ ދުވަހު އެ މީހުން ރާއްޖެއައެވެ.

މި ދެމަފިރިން މަރުވެފައި ވަނީ، ކ.އަތޮޅު ދިއްފުށީ ކައިރިން މޫދަށް އެރި އުޅެނިކޮށެވެ. ދިއްފުށީ "ކްރައުން ބީޗް" ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ދެމަފިރިން މަރުވިއިރު، މި ދެމަފިރިން މަރުވިގޮތުގެ ތަފްސީލު ހޯދުމަށް އޭނާގެ އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމާއި ގުޅޭގޮތުން މައުލޫމާތުތައް ފިލިޕީންސް ނޫހަކަށްވެސް ވަނީ ދީފައެވެ.

ދެމަފިރިން މަރުވީ ދިއްފުށްޓާއި މީރުފެންފުށި ދެމެދުގައި އޮންނަ ފަޅަށް އެރި އުޅެނިކޮށެވެ. ދިއްފުށީ މީހުން ބުނާ ގޮތުގައި ދެމަފިރިން ގެނބުނު ސަރަހައްދަކީ ވަރަށް ތިލަކޮށް އޮވެފައި، ވިލު ފުން ސަރަހައްދެކެވެ.

ފުލުހުން އިއްޔެ ވިދާޅުވިގޮތުގައި، ދިއްފުއްޓާއި މީރު ފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިޔަކު މަރުވެފައިވާކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 10:56 ގައިއެވެ.

ދިއްފުށީ ހެލްތު ސެންޓަރަށް އެމީހުން ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދިވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި ދެމަފިރިންގެ ހަށިގަނޑު ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ ނޫހުން ބުނެފައި ވެއެވެ. އެކަމަށް ފަންޑް ހޯދުމުގެ މަސައްކަތް ދެ އާއިލާއިންވެސް ދަނީ ކުރަމުންނެވެ. އަދި އެކަމަށް ބޮޑު ހަރަދެއްވެސް ހޭދަވާނެކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޜިޘީ

    ޙަނީމޫނަކަސް ސަން.މޫނަކަސް ވަގުތު ޖެހުނީމަ ނިކަމެތި އިންސާނުންނަށް ކުރެ ވޭނެ އެއްވެސްކަމެއް ނޯންނާނެ އަދި މަރު އަންނާނީ ކޮންތާކު ހުއްޓާ ކޮންވަގުތަކު ކަމެއް ނޭގޭނެ

    • ފަސްކުޅަނދު

      ހާދަ ރަހުމެއް ނުހުރެޔޭ މި ތުނބުޅިތައް. ކީއްވެ ބޭރުން އަންނަ މެހެމާނުންނަށް ރައްކާތެރިވާނެ ގޮތްތައް ކިޔާ ނުދީ ގެންނަނީ؟ ހުރިހަ ގައުމުތަކެއްގެ މީހުންނަކަށް ނޭނގޭނެ ފަތާކަށް. މޫދަކީ ކޮންކަހަލަ ތަނެއް ކަންވެސް ނޭނގޭނެ.

    • ކަކުުނި

      ޖާހިލު މީހެއް މީ

  2. ޢަރީފް

    ގެސްޓްހައުސް ހިންގުނަސް ކަމަކުނުދާނެ. ޢެތަންތަނުން މިހެން އަލަށް އަންނަ ޓޫރިސްންނަށް އެރަށެއްގެ މުދުގެ ސޭފް އޭރިއާއި އަންސޭފް އޭރިއާ ކިޔައިދެން ވާނެ. އަދި އެމީހުންނަށް ގައިޑްކޮށްދެން ގެސްޓްހައުސްގެ މުވަޒަފުންވެސް އުޅެންޖެހޭނެ. ޓޫގައިޑެއް މޫދުގައި އެމީހުންނާއެކީ ހުރިނަމަ ރިސްކް ކުޑަވީސް ކަމަށްޤަބޫލުކުރަން.