ލާދީނީ އެއްވެސް ބަޔަކާއި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން ނުގުޅޭނެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިޙާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޙާން ވިދާޅުވީ އިދިކޮޅުގައި ތިބި ފަރާތްތަކުން ބޭރުގެ ބައެއް ފަރާތްތަކާއި ގުޅިގެން ރާއްޖެއިން އިސްލާމީ ވަހުދަތު ނަގާލަން މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެފަދަ ފަރާތްތަކާއި ދިވެހި ފުލުހުންނާއި ސިފައިން ނުގުޅޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގައި އެއްވެސް ތަނަކަށް ޤާނޫނާއި ހިލާފަށް އެއްވުމަކީ ކުށެއް، ކިތަންމެ ވަރަކަށް ވީޑިއޯ ހަދައިގެން އުޅުނަސް ފުލުހުންނާއި ސިފައިންގެ ސަފުތަށް ފޫއަޅުވާ ނުލެވޭނެ. ދިވެހި ސިފައިންނާއި ފުލުހުން ލާދީނީ ބަޔަކާއި ނުގުޅޭނެ. މީ ވަރަށް ވާހަކަ. މީވަރަށް ވާހަކަ. ދުވަހަކުވެސް ނުގުޅޭނެ،" ނިޙާން ވިދާޅުވިއެވެ.

އަދި މިއަދު އިދިކޮޅު ފަރާތްތަކުން ކުރަމުން އެގެންދާ މަސައްކަތަކީ ރާއްޖޭގައި އެއްދީނަށްވުރެ ގިނަ ދީންތަކަށް ފުރުސަތު ދޭން ކުރާ ކަމެއް ކަމަށާއި، މީގެ ކުރިންވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު އޮތް ތޯ ބަލައިފައިވާއިރު ނަޝީދަކީ ގައުމަށް އެންމެ ބޮޑަށް ހަރާމް ކޯރުވި އެކަކު ކަމުގައި ނިޙާން ވިދާޅުވިއެވެ.

މިގައުމުގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނަމުން ނިޙާން ވިދާޅުވީ، ބަޔަކު މިގައުމުގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ ވަކާލާތުކުރިޔަސް ހަށިގަނޑުގައި ލޭ ދައުރުވާހައި ހިނދެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް މިގައުމުގައި ފުރުސަތެއް ނުދޭނެ ކަމަށެވެ.