ދިވެހި ރާއްޖޭގެ 30 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން "ޅެންވެރިންގެ ބަހާރެއް " ބާއްވަން ނިންމައިފިއެވެ.

ގައުމީ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ.

މިއަދު ދިވެހި ބަހުގެ އެކެޑެމީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެކެޑެމީން ވިދާޅުވީ މި ބަހާރުގައި ގިނަޢަދަދެއްގެ ޅެންވެރީން ބައިވެރިވާނެ ކަމަށާއި ބަހާރުގައި މާލޭގެ މަދަރުސާތަކުގެ ގިނަޢަދަދެއްގެ ދަރިވަރުންނާއި މުދައްރިސުން ވެސް ބައިވެރިވާނެ ކަމަށެވެ.

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ މި ބަހާރުގައި ރާއްޖޭގެ ފުންނާބު އުސް ޝާއިރުންގެ ބައެއް ޅެންތައް މިޔުޒިކާއެކު ހުށަހަޅައި ދޭއިރު، ޅެންވެރިން ޅެމުން އުފާކޮށްލާ، ކުރީގެ ޅެންތައް ހުށައަޅައިދެއެވެ.

ޅެންވެރިންގެ ދުވަސް ނިސްބަތްވަނީ ރާއްޖޭގެ މަޝްހޫރު ޅެންވެރިއެއްކަމަށްވާ އިބްރާހިމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ދުވަހަށެވެ. ޅެން ވެރިންގެ ދުވަސް މިއަހަރު ހާއްސަ ކޮށްފައިވަނީ ޅެންވެރިއާ ޔޫސުފް މުހައްމަދު ފުޅަށެވެ.

ޔޫސުފް މުޙައްމަދު ފުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 12 ޖޫން 1932 ގައި ރ.އިގުރައިދޫގައެވެ. ބައްޕަ އަކީ ރ.އިގުރައިދޫ މުޙައްމަދު ޙަސަން ފުޅު އެވެ. މަންމަ އަކީ ހަމަ އެރަށު ފާތިމާ މަނިކެ އެވެ. ޅެންހެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ މަޖީދިއްޔާ ސުކޫލްގެ ގްރޭޑް 5 ގައި އުޅުނު ދުވަސްވަރު އެވެ.

ޔޫސުފް މުޙައްމަދުފުޅު އެންމެ ފުރަތަމަ ޚިދުމަތްކުރެއްވީ އުގަންނައިދިނުމުގެ ދާއިރާގައި މުދައްރިސެއްގެ ގޮތުންނެވެ. މަޖީދިއްޔާގައި އޭރު އޮތް އެންމެ މަތީ ކްލާހުން ފާސްވެ ވަޑައިގެން މަޖީދިއްޔާ ސުކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ރާއްޖޭގައި ޅެންވެރީންގެ ދުވަހެއް ފާހަގަކުރަނީ ދިވެހި އަދަބީ ފަންނުތަކުގެ ތެރެއިން އެންމެ ރީތި އެއް ފަންނު ކަމުގައިވާ ޅެންވެރިކަން ތަރައްގީ ކުރުމަށް ހިތްވަރު ދީ، ޅެންވެރީންގެ އަދަބީ ހިދުމަތްތައް ފާހަގަ ކޮށް، ޅެން ހަދާފަރާތްތަކަށް ހިތްވަރުދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައިދަރު

    ޅެންވެރިން ބޮޑު ބަހާރު މާލެއަށް އެކަނި ބޭއްވުމުން ނުފުދޭ