މިދިޔަ އަހަރު ޑިސެންބަރު މަހު ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިޔަ މ.ނަލަހިޔާ މަންޒިލުން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ކުޑަކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެން، އިމާރާތް ކުރުމުގެ ހުއްދަ ހިފެހެއްޓި ޑަބްލިއު ކޮންސްޓްރަކްޝަނަށް އަލުން ހުއްދަ ދިން ގޮތް އާއްމުކުރަން މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (މަސީ) އިން ގޮވާލައިފިއެވެ.

މަސީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްސަލައިގައި އެ ކުންފުނީގެ މަސައްކަތް ސަސްޕެންޑް ކުރުމަށްފަހު، އަލުން ހުއްދަ ދިން ގޮތާއި، އެޅި ފިޔަވަޅު އާއްމުންނަށް އެނގެން ބޭނުންވާ ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާކުރަމުން ދަނިކޮށް ނިޔާވި ރަޝްވާން ޖިއާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އެ ކުންފުނީގެ ހިފަހައްޓާފައިވާ އިމާރާތް ކުރުމުގެ ހުއްދަތައް އަލުން ދީފައި ވަނީ ފިޔަވަޅު އެޅުމަށްފަހުކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފަޒީން ކުރިން "ވަގުތު"އަށް ވިދާޅުވީ، ޑަބްލިއު ކޮންސްޓްރަކްޝަންއަށް އަލުން މަސައްކަތް ކުރުމުގެ ހުއްދަ ދިނީ ކައުންސިލްގެ ހަ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ފަރާތްތަކަށް ހުއްދަ ދޭން ނިންމީ، އެ މަސައްކަތް ހުއްޓާލާފައި އޮތުމުން އާއިލާތަކަކަށްވެސް ގެއްލުން ލިބޭނެތީ ކަމަށެވެ.

"ވާގޮތަކީ ޑަބްލިވް ކޮންސްޓްރަކްޝަން އިން ކުރަމުންދާ މަސައްކަތަކީ ވަރަށް ގިނަ އާއިލާތަކަކާއި ގުޅުން ހުރި މަސައްކަތްތަކެއް. ލޯންތަކެއް ނަގައިގެން އެކި ތަންތަން މޯގޭޖްކޮށް އެގޮތަށް މަސައްކަތް ކުރަމުން ދަނީ. ދެން އަޅުގަނޑުމެން އެ މަސައްކަތް ހުއްޓާލާފައި އޮތުމުން ލޯންތަކަކަށް /ފައިސާ ނުދެއްކޭނެ/. ރޫމްތައް ކުއްޔަށް ދޭން ފެށިގެން އެކަން ރިކަވާކުރަން ފެއްޓޭނީ". ފަޒީން ވިދާޅުވިއެވެ.

ފަޒީން ވިދާޅުވީ، އެކަންކަން ވިސްނުމަށްފަހު ކައުންސިލުން އެ ކުންފުނިން ޒިންމާދާރު ކުރުވުމަށް ކުރެވޭނެ ކަމެއް ބެލި ކަމަށެވެ. އެގޮތުން ގަވާއިދުގައި ޖޫރިމަނާ ކުރެވިދާނެ ކަަމަށް ބަޔާންކޮށްފައިވާކަމަށާއި، އެހެންވެ އެ ގަވާއިދުގައި ބުނެފައިވާގޮތުގެ މަތިން ކުރެވެން އޮތް އެންމެ ބޮޑު އަދަދަކަށް ޖޫރިމަނާކޮށްފައިވާނެ ކަމަށް ފަޒީން ވިދާޅުވިއެވެ.

"މީހެއްގެ ފުރާނަ ގެއްލިފައި އެވަނީ، އެ އަނބުރާ އިޔާދައެއް ނުކުރެވޭނެ.ދެން ނަސޭހަތްތެރިވުމުގެ ބަދަލުގައި ފުރަތަމަ ފަހަރެއް ކަމަކު އެންމެ މަތީއަދަދަކުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާނީ". ފަޒީން ވިދާޅުވިއެވެ.

ގަވާއިދުގައި އިންނަނީ 5000 ރުފިޔާއިން ފެށިގެން ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. އެ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ ފަސް ލައްކަ ރުފިޔާ އަށެވެ.

ޑަމްބިލް ކޮންސްޓްރަކްޝަންއަށް އަލުން އިމާރާތް ކުރުމުގެ ހުއްދަދީފައިވަނީ ފިޔަވަޅު ނާޅާކަމަށް މީގެ ކުރިން ގިނަ ބަޔަކު ބުންޏެވެ. އެ ވާހަކަތަކުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން އެހާދިސާއާ ގުޅިގެން ބުނެފައިވަނީ އެކުންފުނިން މަސައްކަތް ކުރިއަށް ގެންދިޔައީ ގަވާއިދާއި އެއްގޮތަށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނެފައިވަނި އެ ސައިޓުގައި މަސައްކަތް ކޮށްފައިވަނީ ނުބައި ބޯޑެއް ބަހަށްޓައިގެން ކަމަށާއި މަސައްކަތް ކޮށްފައިވަނީ ގަވައިދާއި ހިލާފަށް ކަމަށެވެ.

ބަންގްލަދޭސްއަށް ނިސްބަތްވާ އަންހެން ކުއްޖަކު ޑަބްލިޔު ކޮންސްޓްރަކްޝަންގެ ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ ތެރޭގައި ނިޔާވެފައިވާއިރު އެ މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތަތަށް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވިލް

    ހުއްދަ ދިނީ ލިޔުމަކުން

  2. ޖޯން

    މަސީހް ހުއްދަ ދިނީ

  3. ވަރުބެ

    އަނާރާ ފިރިސޮރު ކުންފުއްޏެކޯލަ

  4. މޯދީ

    ކޮން ލޯނެއް؟ ކޮން ކޮަޓަރިއެއް ކުއްޔަށް ދޭން؟ ކަލޭމެނަށް

    އެކަނިތަ ގެއްލުންވަނީ؟ ކޮބާތަ ގެއްލިގެން ދިޔަ ތުއްތު

    ފުރާނަ؟ އެމީހުނަށް ކިހާބޮޑު ގެއްލުމެއް؟

  5. ށުމަން

    ކޮބާ އަނާރާ....

  6. ދދދދދ

    އަނާރާ ކުރެން އަހައިގެން އޮޅުން ނުފިލައިިފިއްޔާ "އެއްކަލަ" ކުރީގެ ހައިސިންގ މިނިސްޓަރު ކުރެން އަހާލާ. އަދި އިތުރަށް ކަޅު ދައްތަ ގާތުވެސް އަހާލާ. ތިކަން ސާފު ކުރެވޭނެ ނުލާހިކު ފަސޭހަ ގޮތްގޮތް މި ކިޔައިދިނީ.

  7. ޢިބްރާހިމް

    ޢެތާ އޮތް ބޯޑަށް ނުބަލަ އެތާ ދަށުން ހިނގީ ކީއްވެ؟ ކަމެއްވާނީ ބުނެފަކައެއްނޫން. މިކަން މިވަނީ ގަވާއިދުތަކަށް ހުރުމަތްތެރިނުވާތީ