ދިވެހިރާއްޖެއާއި ޔޫއޭއީގެ ހާރިޖީ ވުޒާރާގެ ދެމެދުގައި ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވެއްޖެއެވެ.

އަބޫ ދާބީ ގައި ހުންނަ އަބޫ ދާބީ ނެޝަނަލް އެގްޒިބިޝަން ސެންޓަރ ގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލް ޢަބްދުﷲ ޝާހިދެވެ. ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން، ހިޒް ހައިނަސް ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާނެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ދެމެދު އޮންނަ ގާތް އަހުވަންތަގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ދެމެދުގައި ތަފާތު އެކިއެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުވައިދީ، ތަރައްގީގެ ލަނޑުދަނޑިތަށް ހާސިލްކުރުމުގައި ދެގައުމުގެ ދެމެދުގައި އެއްބާރުލުންދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ދެމެދު އޮތް ސިޔާސީ ގުޅުމުގައި ހާސިލްކުރެވުނު ވަރަށް މުހިންމު އާމާޒެއްކަންވެސް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ވެވުނު އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ސޯލިހު، މިވަގުތު ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.

ރައީސްގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސެއިން ރަޝީދު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު