ރާއްޖެއިން އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް އާމާޒުހިފާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަބޫދާބީގެ ވަލީ އަޙުދު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ޔޫއޭއީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް އިންޑަސްޓްރީ ޞުޙައިލް މުޙައްމަދު ފަރަޖް އަލް މަރްޒޫޢީ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމަށް މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫއޭއީގެ އެނަރޖީ މިނިސްޓަރ ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

"އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ތަކުގައި ޔޫއޭއީގެ އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އިޢާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވިއަހަރުތަކުގައި ހެޔޮވަމުން އަންނަކަން ފާހަގަކުރައްވާފައެވެ." ރައީސް އޮފީހުން ވިދާޅުވިއެވެ.

ޔޫއޭއީގެ އެނަރޖީ މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެކަމުގެ އުންމީދު އެބައޮތްކަމަށްވިދާޅުވެ، އެޤައުމުން މިކަމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ބައެއް ސްކޫލްތަކާއި ބޮޑެތި އިމާރާތްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެއިމާރާތްތަކަށް ބޭނުންވާ ކަރަންޓަށްވުރެ އިތުރުވާބައި ކަރަންޓް ފޯރުކޮށްދޭ ކުންފުންޏަށް ދަނީ ފޯރުވެސް ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަބީބު

    ބަލަ ތިޔައީ ރައީސް ޔާމީން ފައްޓަވާފަ ބޮޑުބަޔެއް ކާމިޔާބުކުރައްވާފަ އޮތް ބޮޑު މަޝްރޫޢެއް! ރާއްޖޭގެ 30 ޕަސެންޓް އެއޮތީ ނިމިފަ! ފޮނި ނުކަނޑާ! އެއްކަމެއް ނުވާނެ

  2. ރަސީދު

    ބޭކާރު ވާހަކަ ކަލޭ މަޖިލީހުގަ ހުއްޓާ ކަލޭގެ އެއްވެސް އެއްބާރުލުމެއް ނެތި ތިކަން ކޮއްފަ އަދި އެރަނީ ކުރެވަމުން