ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އިމާރާތްކުރުމާ ގުޅޭ ހުރިހާ ގަވާއިދެއް ނިންމައި، ގެޒެޓް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، "އިމާރާތްކުރުމުގެ ގަވާއިދާ ގުޅޭ މަސައްކަތު ބައްދަލުވުން" ފައްޓަވައި ދެއްވައި ދާދި ދެންމެ ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ގަވާއިދުތަކެއް އެކުލަވާލާއިރު ދާއިރާގެ ފުންނާބު އުސް ފަންނީ ފަރާތްތަކުގެ ހިޔާލު މުހިންމު ކަމަށެވެ. ސަރުކާރުގެ ތެރެއަށްވުރެ ވިޔަފާރިވެރިންގެ ތެރޭގައި ފަންނުގެ ތަޖުރިބާކާރުން ގިނަ ކަމަށާއި، އެފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމެއް ނެތި ގަވާއިދުތަކެއް ގެޒެޓްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިމާރާތް ކުރުމާއި ބެހޭ ޤަވައިދުތަކަށް ޚިޔާލު ހޯދަން ފެށި މަސައްކަތު ބައްދަލުވުން
އިމާރާތް ކުރުމާއި ބެހޭ ޤަވައިދުތަކަށް ޚިޔާލު ހޯދަން ފެށި މަސައްކަތު ބައްދަލުވުން

"އަޅުގަނޑު ބޭނުންވަނީ ފެބުރުވަރީ 15 ގެ ކުރިން ގަވާއިދުތައް ނިންމާފަ ޕަބްލިޝްކުރަން. މި ތިން ދުވަހުން ލިބޭ އިންޕުޓާ އެކީގައި ގަވާއިދުތަކުން ރިވައިޒް ކުރަންޖެހޭ ތަންތަން ރިވައިޒްކޮށް، އިތުރުކުރަންޖެހޭ މާއްދާތައް އިތުރުކޮށް، އެކަންކަން ކުރަން މަސް ދުވަސް ނަގާނެ. ގަވާއިދުތައް އަޅުގަނޑު ޕަބްލިޝް ކުރާނަން ފެބުރުވަރީ 15 ގެ ކުރިން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިކަން ކުރަން ސަރުކާރުތަކުން މަސައްކަތް ކުރާތާ ވަރަށް ޒަމާންވެއްޖެ ކަމަށާއި، ނަމަވެސް ދުވަހަކުވެސް މިކަން ނިންމާލެވިފައި ނެތް ކަމަށެވެ. އެހެންކަމުން ކޮންމެސް ހިސާބަކުން އެ ގަވާއިދުތައް ނިންމާލަންޖެހޭ ކަމަށާއި، މިފަހަރުގެ މަސައްކަތަކީ "ފައިނަލް ކޮންސަލްޓޭޝަން" ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އިމާރާތް ކުރުމާއި ބެހޭ ޤަވައިދުތަކަށް ޚިޔާލު ހޯދަން ފެށި މަސައްކަތު ބައްދަލުވުން
އިމާރާތް ކުރުމާއި ބެހޭ ޤަވައިދުތަކަށް ޚިޔާލު ހޯދަން ފެށި މަސައްކަތު ބައްދަލުވުން

އަސްލަމް އިތުރަށް ވިދާޅުވީ، ގަވާއިދުތައް ގެޒެޓް ކުރުމުންވެސް ފާޑު ކިޔާނެ ކަންކަން ހުންނާނެ ކަމަށާއި، އެ ފާޑުކިޔުންތަކަށް ރިއާޔަތްކޮށް ގަވާއިދުތަކުގައި ހުންނަ އުނިކަންކަން އިސްލާހްވެސް ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު އަސްލަމް އަދި މިނިސްޓަރީގެ އިސްވެރިން ހިމެނޭހެން ތިން ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމައި ކޮންސްޓްރަކްޝަންސް ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަކުން ބައިވެރިވެއެވެ.

ދާދި ފަހުން މާލޭގައި މަސައްކަތް ކުރަމުން ދިޔަ އިމާރާތަކުން ސިމެންތި ކޮތަޅެއް ވެއްޓި ކުއްޖަކު ނިޔާވުމުން އިމާރާތް ކުރުމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ވަނީ ސަމާލުކަން ލިބިފައެވެ. ނަމަވެސް އެހާދިސާއަށް ފަހު ވެސް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތައް އަޅަމުން އަންނަ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާރިޔާ އަޙްމަދު

    ތި އަސްލަމް ހުރެގެން ތިޔަ މިނިސްޓްރީގެ ކަންކަން ރަނގަޅެއް ނުވާނެ!

  2. އެދުރުބެ

    ކުޑަކުއްޖެއް ނިޔާވުމުން އަސްލަމަށް ތިޔަ ވިސްނުނީ! ކޮބާ ފޯނުބިލް

  3. ފޯނި ބިލު ވަގު

    ކޮބާ މިވީ ދުވަސްކޮޅުގެ ތެރޭ ކިހާ ލަރިއެއް ޖަމާ ކޮށްލެވިއްޖެ؟ ކުރީ ފަހަރު ލައްކަ ވަރަކަށް ދަމައިގަތީމުތާ. ހާދަ މުއްސަނދި މީހެކޭ.

  4. ޣާދިރު

    1މަސްދުވަސްތެރެ ބަންގާޅީންގެ ކަންތައް ހައްލު ކޮއްބަލަ.. މިހާރު ބަންގާލީން އަންނަނީ ޓުވަރިސްޓް ވިސާގަ. ޕާސްޕޯރޓް އެއްލާފަ ލޭބަރަކައް ނޫނީ ވެެއިޓަރަކައް ބަދަލްވަނީ.. ދެން މާލޭ މަގުމަތީ ދުވަނީ.. މަސައްކަތް ހޯދަން.. ލޯކަލް މާރުކޭޓް މަސްމާރު ކޭޓް..ހުޅުމާލޭ ހުވަދުމާ މާރުކޭޓް މަސްމާރު ކޭޓް ..ކަންމަތީ ފިހާރަތައް ސައިހޮޓާ. ޢަދި އެނގިއްލައްވާތޯ ހުޅުމާލެ ބީޗުގަ ބަދިގެ ހަދައިގެންވެސް ބަންގާޅީން އެބައުޅެ.. ކީއްވެތޯ ދިވެހިން ނައް އިންޑިއާ ލަންކާގަ މިހެން ނޫޅެވެނޫ.. ހެޔޮނުވާނެ ހައްލެއް ހޯދައިދީބަލަ..

    • ސީގަލް

      ޣާދިރު ތިޔަ ވިދާޅުވީ ވަރަށްބޮޑު ތެދެއް. މިހާރު ބިރުގަންނަ ހިސާބަށް ބަންގްލަދޭޝް މީހުންގެ ކަންތައްގޮސްފި. އެމީހުންގެ އަމިއްލަ ކަންމަތީ ފިހާރަތައް، ހެދުން ފިހާރަތައް، ހޮޓާ އަދި ރެސްޓޯރެންޓް ތައް ގެސްޓް ހައުސް ތައް އަދި އިމާރާތްކުރާ ކުންފުނިތައް (މިހާރު ދިގުމުއްދަތަށް ތަންތަން ނަގައިގެން އިމާރާތް ކޮށްދޭ) މިފަދަ ފުޅާމިންވަރަކަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމީހުންގެ ވިޔަފާރި ފުޅާކުރަމުންދަނީ. މިހާރު އެމީހުންގެ މުއައްޒިފުންގެ ގޮތުގައި ދިވެހިން ތިބެނީ. މިފަދަ ކަންކަން ބައްލަވައި ސަރުކާރުން ފިޔަވަޅުއްވުމަށް އާދޭސް ދަންނަވަން.