ދިވެހިރާއްޖޭގެ ވެރިރަށް، މާލެއަކީ ބޮޑު ކޮންސްޓްރަކްޝަން ސައިޓެއް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"އިމާރާތްކުރުމުގެ ގަވާއިދާ ގުޅޭ މަސައްކަތު ބައްދަލުވުން" ފެއްޓަވައިދެއްވާ ބައިވެރިންނާ މުޚާޠަބުކޮށް އަސްލަމް ވިދާޅުވީ، ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާ އެތައް ތަނަކުން ފުޅާވެގެން ގޮސްފައިވާއިރު، ސަލާމަތީ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"މުޅި މާލެއަކީ ބޮޑު ކޮންސްޓްރަކްޝަން ސައިޓެއް، ހުޅުމާލެވެސް ކޮންސްޓަރަކްޝަން ސައިޓަކަށް ވަމުންދަނީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ތަންކޮޅެއް ކުރިން މާލޭގައި ތަންކޮޅެއް މަދުން މިޒާތުގެ މަސައްކަތް ކުރަމުންދިޔައިރު، ރެގިއުލޭޝަނެއް ނެތި ސަރުކާރު އޮފީހެއްގައި ސްޕަވައިޒްކުރަން ތިބޭ ބަޔަކު ގޮސްފައި އެކަންތައްތައް ރެގިއުލޭޓް ކޮށްލި ނަމަވެސް، މިހާރު އެއަށްވުރެ މާ ގިނައިން، މާ ގިނަ މަސައްކަތް ހިނގަމުންދާ ކަމަށާއި، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ނޫނީ މިހާރު އެކަންކަން ބެލެހެއްޓެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ އެތަންތަނުގެ ސޭފްޓީ ހުންނަނީކީ އެންމެ ރަނގަޅަކަށް ނޫންކަން. މަސައްކަތްތައް ކުރެވެނީކީ އާއްމުންނަށް އޮންނަ ރައްކާތެރިކަމާއި، ތަނުގައި މަސައްކަތް ކުރާ މީހުންގެ ސޭފްޓީއާއި ސްޓޭންޑަރޑް ހުންނަނީކީ އެންމެ ރަނގަޅަކަށް ނޫންކަން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ސަރުކާރުގައި ތިބި ސިވިލްސަރވަންޓުންނަށްވުރެ، މިކަމުގައި އުޅެ ތަޖުރިބާ ލިބިހުރި ބޭފުޅުން މަސައްކަތު ބައްދަލުވުމުގައި ކޮންސްޓްރަކްޝަން ދާއިރާގެ ބައިވެރިންގެ ތެރޭގައި އެބަތިއްބެވިނ ކަމަށާއި، އެބޭފުޅުންގެ އިންޕުޓާ އެކީގައި ތިން ދުވަހުގެ ތެރޭގައި އެންމެންނަށް ގަބޫލުކުރޭ ފެންވަރަކަށް ހުރި ޤާނޫނުތަކެއް ގަވާއިދުތަކެއް ހެދިގެން އަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަސްލަމް މިހެން ވިދާޅުވިއިރު، އިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން 13 ގަވާއިދެއް ހަދަންޖެހެއެވެ. އޭގެ ތެރޭގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި، އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނުވެރިންގެ ގަވާއިދާއި، އިމާރާތް ކުރުމުގެ ޤާނޫނުގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފް ކުރުމުގެ ގަވާއިދާއި، އިމާރާތްކުރުމުގެ ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ގަވާއިދު އަދި އިމާރާތް ކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ގަވާއިދު ހިމެނެއެވެ.

މީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދާއި، ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުތަކުގައި އިމާރާތްކުރަންވީ ގޮތުގެ ގަވާއިދު އަދި އިމާރާތް ކުރުމުގެ އަމަލޯ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ ޖަމްއިއްޔާތަކުގެ ގަވާއިދުވެސް ހިމެނެއެވެ.

ދާއިރާގެ ފަންނުވެރިންނާއި، ތަޖުރިބާކާރުން އަދި މިނިސްޓްރީ ހިމެނޭހެން ތިން ދުވަހަށް މާލޭގައި ބާއްވާ މަސައްކަތު ބައްދަލުވުމުގައި މި ގަވާއިދުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ އިތުރުން މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި ހުރިހާ ގަވާއިދެއް ނިންމައި އަންނަ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ގެޒެޓުގައި ޝާއިއު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހ

    ދެރަ