ހދ. ކުޅުދުއްފުށީގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމުގެ ގޮތުން އާއްމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ މި މަހުގެ 14 އިން 19 އަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން، ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށާއި އަމިއްލަ އޮފީސްތަކަށާއި ގޭގެއަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ނެއިބަރހުޑް އޮފިސަރުންނާ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމާއި، އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށާއި އަދި ކުށުގެ ބިރުވެރިކަން ކުޑަކޮށް ރަށުތެރޭގައި އަމާންކަން ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ އިތުރުންވެސް ރާއްޖޭގެ އެހެން ބޮޑެތި ސަރަޙައްދުތަކުގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރަން ވަނީ މަޝްވަރާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރީލޯޑު ވަޒީރު

    ތިބުނާ ބަޔަކުތަ ސިނަމާލެ ފްލެޓްތެރޭ ލާރިި ބޮނޑި ބޮނޑި އަތަށް ލައިގެން ކަކޫ މައްޗަށް ވަކި ވަރަކަށް ތިރިވެ ދެބައިކުޅަ އެއްބަޔަށް ދެލޯ މެރިި އެއް ދިމާއަށް ނުހިނގި ބިިތް ޖެހިިފަ ބައިގަނޑުގަނޑަށް އެތިބެނީ؟