މިދުވަސްވަރަކީ ރާއްޖޭގެ އެކިސަރަހައްދުތަކަށް އިރުވައި މޫސުމުގެ އޮއިވަރު ބާރު ދުވަސްވަރެއްކަމަށް ފާހަގަކުރެވޭތީ، ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ޑައިވް ކުރައްވާ ފަރާތްތަކާއި މޫދު ކުޅިވަރުތައް އިންތިޒާމްކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ އޮއިވަރު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ތަފާތު ނުރައްކާތެރި ހާދިސާތަކާއި ޑައިވަރުންނާއި ސްނޯކްލިންގއަށް ގޮސް އުޅޭ ފަރާތްތައް އޮޔާ ގޮސް ނުފެންނަކަމުގެ ރިޕޯޓްތައް ކޯސްޓްގާޑަށް ދަނީ ލިބެމުންނެވެ.

މޫދު ކުޅިވަރު ކުޅުއްވާ ފަރާތްތަކުން ލައިފް ޖެކެޓް އަޅުއްވައިގެން ތިއްބެވުމަށާއި ލައިފް ގާޑުން އަދި ލައިފް ބޯޓް އުޅަނދުފަހަރުން މީހުންނަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަށް އިންތިޒާމް ހަމަޖެއްސުމަށް އެމްއެންޑީއެފް އިން ދަންނަވައެވެ. އަދި ޑައިވް ކުރައްވާ ފަރާތްތަކުން ޑައިވް ކުރުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޑައިވް ކުރެއްވުމަށް ވެސް އިލްތިމާސް ކުރައްވައެވެ.

ސަލާމަތީގޮތުން މިފަދަ ކަންކަމުގައި އިތުރު ފިޔަވަޅުތައް އެޅުއްވުމަށާއި ހެދިފައިވާ ޤަވާއިދުތަކަށް ފުރިހަމައަށް ޢަމަލު ކުރެއްވުމަކީ މިފަދަ ހާދިސާތައް މަދުކުރެއްވުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"މިފަދަ ކަންކަމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ދެއްވުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ބާރު އޮއިވަރަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއްވިއިރު މިއަދު ވެސް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ. އަދި ހުއިފިލަނޑާ ނަގަން ފީނި ދެމީހަކު ގެއްލިގެން މިއަދު ސިފައިން ހަރަކާތްތެރިވިއެވެ. ގެއްލުނު ދެމީހުން ވަނީ ސަލާމަތުން ތިއްބާ ފެނިފައެވެ.