ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި ތިން ބޭފުޅުންގެ ތެރެއިން ތެރެއިން ދެ ނައިބު ރައީސުންނާއި ހަތް ވަޒީރަކު އެއްވެސް އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގައި ބުނެފިއެވެ.

ގާނޫނު އަސާސީ ބުނާގޮތުން ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުން ކޮންމެ އަހަރަކު އެސެޓް ޑިކްލަރޭޝަން މާލީ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވައެވެ. މާލީ ބަޔާން ހުށަނޭޅުވި ނަމަވެސް އެއީ ޤާނޫނީ ކުށެއް ކަމަކަމަށް އެއްވެސް ޤާނޫނެއްގައި ނޯވެއެވެ. އެހެންކަމުން މާލީ ބަޔަން ހުށަނޭޅުވުމުން ކުށްވެރިވެ، އަދަބެއް ލިބިވަޑައެއް ނުގަންނަވާނެއެވެ.

ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅުއްވަނީ ނައިބު ރައީސް ހުމަދު އަދީބާއި އަބުދުﷲ ޖިހާދެވެ. އެ ދެބޭފުޅުން ވަޒީރުންގެ ގޮތުގައި ތިއްބެވި އިރުވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ.

މީގެ އިތުރުން ޔާމީންގެ ވަޒީރުންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްމ ފަހުން ޔޫތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް އަދި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލް ވެސް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވިދާޅުވެފައި ވެއެވެ.

ޔާމީންގެ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅުއްވާ ވަޒީރުންގެ ތެރެއިން މުހައްމަދު މަލީހު ޖަމާލަކީ މިހާރު މިހިނގާ ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރެވެ. އަދި މާލީ ބަޔާން ހުށަނޭޅުއްވި އަމީން އިބްރާހިމަކީ ޖޭޕީގެ ކުރީގެ ނައިބު ލީޑަރެވެ.

ޔާމީން ވެސް ވެރިކަމުގައި ހުންނެވި އިރު މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ 2014 ވަނަ އަހަރު އދި 2018 ވަނަ އަހަރު އެކަނިކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ. 2018 ވަނަ އަހަރު އެމަނިކުފާނު ބަޔާން ހުށަހެޅުއްވީ ބަޔާން ހުށަހެޅުއްވުމުގެ މުއްދަތު ހަމަވެ، އެތައް ދުވަހެއްވީ ފަހުންނެވެ.

ސަރުކާރުގެ ވެރިން އޮޑިޓަރ ޖެނެރަލް އަށް މާލީ ބަޔާން ހުށަނޭޅުއްވުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށް ޤާނޫނުގައި ހިމެނުއްވުމަށް އޮޑިޓަރ ޖެނެރަލް މީގެ ކުރިން އެދިވަޑައިގެންފައި ވެއެވެ. ނަމަވެސް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކަމަށް ސަމާލުކަން ދެއްވާފައެއް ނުވެއެވެ.