ތެޔޮ ނެގުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫންކަމަށް ފިޝަރިޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ "ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، އަށްޑިހައިގެ އަހަރުތަކުގައުވެސް ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. ނަމަވެސް އެއިރުވެސް ރާއްޖެއިން ތެޔޮ ފެނިފައިނުވާކަމަށާއި، ނިމިދޔަ ސަރުކާރުގައިވެސް އަލުން އެފަދަ މަސައްކަތްތަކެއް ކުރިނަމަވެސް ރާއްޖެއިން ތެޔޮ ފެނިފައިނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކަނޑުގެ އަޑިން ތެޔޮހުރިތޯ ބެލުންފަދަ ތިމާވެއްޓާ ބީރައްޓެހި ކަންކަން މި ސަރުކާރުން ރާއްޖޭގައި ނުކުރާނެކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން ތެޔޮ ހޯދަން ދިރާސާތަކެއް ކުރިއެވެ. އެދިރާސާތަކުން ރާއްޖޭގައި ގޭހުގެ ކޮންމެވެސް ބާވާތެއް ހުރިކަން ޔަގީނާއި ގާތައް ކަށަވަރު ވިއެވެ. ނަމަވެސް އެމަސައްކަތް މަޑުޖައްސާލީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރިމިންވަރަށް ބެލުމަށްފަހު އެކަމަށް އެންމެ ރަނގަޅު ކޮންޓްރެކްޓަރަކު ކުރިމަތިލާނެކަމުގެ ޔަޤީންކަން ނެތުމުންކަމުގައި ކުރީ ސަރުކާރުގެ ފިޝަރީޒް މނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެފައިވެއެވެ.

ތެޔޮ ހޯދަން ކުރީގެ ސަރުކާރުން ކުރި މަސައްކަތައް ފާޑުވިދާޅުވެ މިނިސްޓަރ ޒަހާ ވިދާޅުވީ، ތެޔޮ ނެގުމަކީ ރާއްޖޭގައި ދުވަހަކުވެސް ކުރެވޭނެކަމެއް ނޫންކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ އެއީ ރާއްޖޭގަ ކުރާނެކަމެއްވެސް ނޫނޭ ދުވަހަކުވެސް ކުރެވިދާނެކަމެއް ނޫނޭ. ރާއްޖެ މީ ޖަޒީރާ ޤައުމެއް. ބޮޑު ފަރުގެ މާހައުލެއް. ދުނިޔޭގެ 7 ވަނަ ފަރުގެ މާހައުލު. އަޅުގަނޑުމެންގެ ފަރަށް ގެއްލުންވާކަން އެނގިތިބެ އެފަދަ ކަމެއް ނުކުރާނަން. މި ސަރުކާރަކުން ތިމާވެށްޓަށް ގެއްލުންވާކަމެއްނުކުރާނެ. އަޅުގަނޑުމެންނަކީ ތިމާވެށްޓާ ގުޅުންހުރި ތިމާވެށްޓަށް (ގެއްލުންހުރި ކަންކަމާ ދެކޮޅަށް) ވަކާލަތުކުރާ ބައެއް" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ތެޔޮ ނެގުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއިރު ރާއްޖެ އާއި އަވައްޓެރި ލަންކާ އިން ވެސް ގެންދަނީ ތެޔޮ ނަގަން މިހާރު ތައްޔާރު ވަމުންނެވެ. އަދި އިންޑިއާ ކަނޑުގައި ރާއްޖެ އާއި ދާދި ގާތުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ މޮރިޝަސް އިން ވެސް ވަނީ ގުދުރަތީ ގޭހުގެ ބޮޑު ރިޒާވެއް ފެނިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ތިމާވެއްޓަށް ގެއްލުން ހުރި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވަައުދުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ލުގޭ

  ކަލޭމެނަށް ކުރެވޭނެ އެއްވެސްކަމެއް ނެތްތާ

 2. ފަނާ

  ޒަހާ މޮޔަފުޅުވީތޯ؟ ތީ ހާދަ ކަންފުޅެއްނެތެ ގަޓެެއްނެތް ބާރެއްނެތް މިނިސްޓަރެކޭ. ތިކަހަލަ ކޮސްވާހަކަ ނުދައްކަވާ

 3. އަޖާއިބު

  ޢިލްމީ ގޮތުން އިންސާނުން ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނައިރު މިވެނި ކަމެއް ނުކުރެވޭނެކަމަށް ވިދާޅުވުމަކީ ވަރަށް ހަނި ވިސްނުންފުޅެއް. ތެޔޮ ނަގަން ކޮންމެހެން ޖެހެނީ ފަރުފަރަކުން ނެއް ނޫން. އެއީ ކަނޑުން ވެސް ހުރި ނަމަ ނެގޭ އެއްޗެއް. އެހެންވީމަ ރާއްޖޭގައި ވެސް ތެޔޮ ހުރިތޯބަލައި ހުރިނަމަ އެއީ ފަރުތަކަށް ގެއްލުން ނުވާނބެ ފަދަ ސަރަހައްދެއްގައި ހުރި ތެޔޮ ނަމަ ނުނަގަންވީ ސަބަބެއް ނެތް. އެކަމަށް މަސައްކަތް ނުކުރަންވީ ސަބަބެއް ނެތް. ދެން އޮތީ ތެޔޮ ލީކުވެ ފަރުތަކަށް ގެއްލުން ވެދާނެކަމުގެ ވާހަކަ. ރާއްޖެއިން ތެޔޮ ނުނެގިޔަސް އިންޑިޔާ / ލަންކާއިން ތެޔޮ ނަގާކަމަށް ވަންޏާ އެގައުމުތަކުގައި ހިނގާ ކަމަކުން ވެސް ރާއްޖޭގެ ފަރުތަކަށް ތެޔޮ ލައްގަފާނެ. އަދި ރާއްޖެ ސަރަހައްދުން ދާ ބޯޓަކުން ވެސް ހަމަ ތެޔޮލީކުވެ ރާއްޖޭގެ ފަރުތަކަށް ގެއްލުން ވެދާނެ. އެހެންވީމަ ރާއްޖެއަށް އިޤްތިޞާދީ ބޮޑު ބަދަލެއް ގެނެވިދާނެ ފަދަ އެއްޗަކަށް ތެޔޮ ވާއިރު ރާއްޖެއިން ތެޔޮ ނެގޭތޯ އުޅުމަކީ ބުއްދިވެރިގޮތަކީ. އެއީ ނުވާނެކަމަށް ބަލާފައި އިޤްތިޞާދުގެ ބޮޑުބައި އެހެން ޤައުމުތަކުން ތެޔޮ ގަތުމަށް ޚަރަދުކުރުމެއް ނޫން ބުއްދިވެރި ގޮތަކީ

 4. ސަޓޯ

  ތިމާވެށީގަ އެލިގަނެގެން ކަލޭވެސްދޭ ކޯޕަންހޭގަނައް މޮޔައެއް ހެން އަތް ޖަހަން... ގައުމައް ކިރިޔާވެސް ފައިދާއެއް ވާނެ ކަހަލަ ކަމެއް ކަލޭމެން ނުކުރާތި. 100 ދުވަސް ވީއިރުވެސް ވީކަމެއް ހަރާން

 5. ނުރަބޯ

  އެމްޑީޕީ އާއިއެކު ތަރައްގީ އާއި ބިނާކުރުން ނިމުނީއެވެ. ދެން އޮންނާނީ ހަލާކުކުރުމާ ފަނާކުރުމެވެ. ބޮޑެތި މަޝްރޫޢުތައް ހިންގައިގެން ގައުމުގެ ޙާލަތު ބަދަލުކުރި ވެރިޔަކީ ރައީސް ޔާމީނެވެ. ރާއްޖެއިން ތެޔޮ ނެގޭތޯ މިހާތަނަށް ކުރި މަސައްކަތްތަކެއްވެސް ކުރީ ޔާމީންގެ ސަރުކާރުންނެވެ. ތެޔޮވެސް އަދި ގުދުރަތީ ގޭސްވެސް ނެގޭނީ ހަމަ ރައީސް ޔާމީނަށެވެ. އެމްޑީޕީގެ ރޫޙާނީ ޑީލަރު ނަޝީދު “ބްރިޖެއް ވެސް ނޭޅޭނެޔޭ ގޮވި ނޫންހެއްޔެވެ؟ ބްރިޖެއް ނޭޅޭހެއްޔެވެ؟ ކޮންމެކަމެއްވެސް ކުރެވޭތޯ މަސައްކަތްކޮށްފަ ނުވިއްޔާ ނޫނީ ނުކުރެވޭނެއޭ ބުނެގެން ނުވާނެއެވެ.

 6. ވަހާޒަހީދު

  ކަލޭމެންނަކަށް ނުވާނެ އެއްކަމެއްވެސް.?

 7. ރައްޔިތުން

  ޖަޒީރާ ގާ ބޭނުން ކުރާނީ ކާށިތެޔޮ.. އެހެން ނޫން ތޯ..

 8. މުއާވިން

  ބުރިޖްވެސް ނޭޅޭނެއޭ ބުނި

 9. ކިނިކްސް

  ތެޔޮނުފެންނާނެ ކަން ޔަގީންކަމާއެކު ބުނުމާއި ތެޔޮ ނުނަގާނެ ވާހަކަ މިނިސްޓަރު ނޫނީ ރައީސް ވިދާޅުވުމަކީ ވަރަށް ދެރަ ކަމެއް. ރާއްޖޭގައި ލިބެންހުރި ވަސީލަތްތަށް ހޯދުމަކީ ދިވެހިންގެ ކަމެއް. އެކަންތައް އަބަދުވެސް ކުރަން ޖެހޭނެ. ތިމާވެށި ރައްކާތެރިކުރުމަކީ ތިމާވެށީގައި މީހުން އާބާދުވެ ތަރައްގީވުމަށް ހުރަސް އަޅާނެ ކަމެއް ނޫން. ތިމާވެއްޓާއި ރައްޓެހި ގޮތަށް އުޅެން ދަސްކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ވާކަމެއް. މިނިސްޓަރު އެހާ ތިމާވެއްޓަށް ގެއްލުން ލިބޭކަންކަމުން ދުރަށް ދާން ބޭނުންނަމަ މިކަންތައް ކުރުން އެދެން
  1- ގޭގައި ގޭހުން ކެއްކުން ހުއްޓާލުން
  2- ކާރު ބޭނުން ކުރުން ހުއްޓާލުން
  3- މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލުން
  4- ފަތް ކެއުން ހުއްޓާލުން
  5- ކާބަން ޑައި އޮކްސައިޑް ދޫކުރުން ހުއްޓާލުން
  6- އެއްވެސް ބާވަތެއްގެ ޕްލާސްޓިކެއް ބޭނުން ކުރުން ހުއްޓާލުން.

 10. ޖޯކަރު

  މިސަރުކާރުން ޖަޒީރާ ވަންތަކަން ގެއްލިދާނެތީ ބަނދަރެއް ނަހަދާނެ، ރަށްރަށް ނުހިއްކާނެ، އުސް އިމާރާތެއް ނާޅާނެ. ވައުދުވި އެއްވެސް ބްރިޖެއް ނާޅާނެ. ކުދި ކުދި ރަށް ރަށް ރިސޯޓްތަކަށް ބަދަލުކޮށް ލިބޭފައިސާ ދިރުވާލާނެ.
  5 އަހަރު ނިމޭއިރު އޮންނާނީ ފައްކާ ޖަޒީރާ ފިނޮޅާކަށް ބަދަލުވެފައި.
  މިހާރު ދިވެހިބޭސްވެރިކަން ކުރިއަރުވަން ކުރާ މަސްކަތަކީ ރާއްޖެތެރޭ މީހުންނަށް 24ގަޑިއިރު ބޭސްފަރުވާ ލިބޭނެ ކަމުގެ ހެއްކެއް

 11. ޢަލީ ހަމީދު

  އިލުމީ ގޮތުން ތިޔަވިދާޅުވީ ވަރައްވެސް ގަމާރު ތަނެއްދޮރެއް ނުދަންނަ ޖާހިލު ބަސްފުޅެއް..

 12. ހަމަ

  މިނިސްޓަރ ޒަހާ އެކަމަކު ތެޔޮ ވަޅެއް ފެނިދާނެ އެންނު

 13. ާއަންނި (އަނގަފޮކި)

  ޗަކޮއި ތެޔޮ ވަޅުން ކިހޭ ތެލެއް ނެގިދާނެ ހެއްޔެެވެ. ތެޔޮ ވަޅު ބޭނުން ނުކުރަންޏާ މަ ބޭނުން ކޮށްލަން ދޭންވީނު ހެއްޔެވެ.