އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެރަށު ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ.

ސަރުކާރު ހިއްސާވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މި މަސައްކަތް ކުރިއަށް ގެންދާއިރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގެ އިން ފާހަގަ ކުރުމަށް މިހާރުވަނީ ފެންސު ޖަހާފައެވެ.

ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 1100 ފޫޓު ދިގު އަދި ދިގުމިނުގައި 500 ފޫޓު ފުޅާ މިން ހުންނަ ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މި ބަނދަރު ޑިޒައިން ކޮށްފައިވާ ގޮތުން، ކުދި އުޅަނދު ފަހަރު އެޅުމަށް ވަކި ޖެޓީ އެއް ހަދާ، ބަނދަރުގެ ބޭރުތޮށީގަޔާއި އަރިމަތީގައިވެސް އޮޑި ދޯނިފަހަރު އެޅެން ހުންނާނެއެވެ. ހަމައެހެންމެ، މުދާ އުފުލާ ބޭލުމަށްޓަކައި ރޭމްޕެއްވެސް ހަދާނެއެވެ.

ކުޅުދުއްފުށީ ބަނދަރުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ

މީގެއިތުރުން، އޮފީހަކާއި، ފިހާރައަކާއި، ގާތުންދޭ މައިންނަށް ޚާއްޞަ ސަރަޙައްދެއް އަދި ފެރީ ޓިކެޓު ކައުންޓަރެއްވެސް، މި މަޝްރޫޢުގެ ދަށުން ހެދުމަށް ނިންމާފައިވެއެވެ. ހަމައެހެންމެ، ކުދި އުޅަނދުފަހަރަށާއި ވޯޓަރ ސްޕޯޓްސް އަށްވެސް ވަކި ސަރަޙައްދެއް ކަނޑައެޅުމަށް ނިންމާ، މަސްވެރިންނަށްވެސް އިތުރު އިންތިޒާމުތައް ހަމަޖައްސައިދޭން ވަނީ ނިންމާފައެވެ.

126.9 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމުމުން، އެރަށުގެ ބަނދަރު ވެގެންދާނީ އަތޮޅު ތެރޭގައި އޮންނަ އެންމެ ބޮޑު އެއް ބަނދަރަށެވެ.

މި ބަނދަރު ހަދަނީ ކުޅުދުއްފުށީ ވެލިގަނޑު (ހިއްކި ސަރަޙައްދު) ގެ އެންމެ ބޭރު އަރިމަތީ ސަރަޙައްދު ނުވަތަ ވެލިގަނޑުގެ މޫނުމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްމާޢީލް

    ޝުކުރިއްޔާ ރަޢީށް ޔާމިން

  2. އަބުޅޯ

    ދެން ބުނޭ މިއީ އަންނި އެހީ ހޯދައިގެން ޢިބުރާހީމް މުހައްމަދު ހެދި ބަނދަރެކޭ. ލަދުން ބޯހަލާކު.

  3. ދދދދދދ

    މުސާރަ ދެވޭވަރު ނެތީސް ތިކަހަލަ ކަންތައް ނުކުރޭ. ލަދު ކުޑަ ބައެއް ނޫންތަ މީ.