މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓުތަކަކާއެކު ނައިފަރުން މީހަކު ހައްޔަރުކޮށްފިއެވެ.

ނައިފަރަށް މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަދު 12:02 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި މައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.