މި ވަގުތު ރާއްޖެއަށް އަންނަން ޖެހެނީ އެއްވެސް ކުލައެއްގެ، އެއްވެސް ޕާޓީއެއްގެ ރައްޔިތުންގެ މަޖިލީހެއް ނޫންކަމަށާއި، ރާއްޖެއަށް އަންނަން ޖެހެނީ ކަންކަމަށް ފާރަވެރިވާ މަޖިލީހެއްކަމަށާއި މިފަދަ މަޖިލީހެއް ޖުމްހޫރީ ޕާޓީގެ ފަހުލަވާނުން ގެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ދޭކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ފަރާތުން ދަނގެތި ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް މުޙައްމަދު ނާޒިމްގެ ކެމްޕޭނު ފެށުމުގެ ގޮތުން ރޭ ބޭއްވި ޙަފްލާގައެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ދެން އަންނަ މަޖިލީހަކީ، ފަނޑިޔާރު ގޭގެ ފުރާޅައަށް އަރާ، ތަކުރާރުކޮށް މީހުން ޖަލަށްލާ އަދި ޗާޓުން ބޭރުވެ، ކެޕްޓަން ބުނާހާ ގޮތަކަށް އޮޑި ދުއްވާނެ މަޖިލީހަކަށް ވެގެން ނުވާނެކަމަށެވެ.

"މި ވަގުތު އެންމެ މުޙިއްމު ކަމަކީ ދިވެހިރާއްޖެއަށް އަންނަން ޖެހެނީ އެއްވެސް ކުލައެއްގެ، އެއްވެސް ޕާޓީއެއްގެ ރައްޔިތުންގެ މަޖިލީހެއް ނޫން. ރާއްޖެއަށް އަންނަން ޖެހެނީ ފާރަވެރިވާ، ރައްޔިތުންގެ ހައްގުތަކަށް ފާރަވެރިވާ، ތަކުރާރުކޮށް ފަނޑިޔާރުގޭގެ ފުރާޅަށް ނާރާ، ތަކުރާރުކޮށް މީހުން ޖަލަށް ނުލާ، ތަކުރާރުކޮށް ޗާޓުން ބޭރުން ހަމައެކަނި ކެޕްޓަން ބުނާ ގޮތަށް އޮޑި ދުއްވާނެ ސަރުކާރުތަކަކާއި މި ކަންތައްތަކުން އެއްކިބާވާނެ، ފާރަވެރިވާނެ، ވަރުގަދަ ރައްޔިތުންގެ މަޖިލީހެއް ރާއްޖެއަށް ޖުމްހޫރީ ފަހުލަވާނުން ގެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން" ޖަމީލު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް، އެމްޑީޕީ އަށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ޖެހޭކަމަށެވެ.

މީގެއިތުރުންވެސް، ޖަމީލު ރޭ ވިދާޅުވީ ތަކުރާރުކޮށް އަންނަ ސަރުކާރުތަކުން ހަމަލާ ދޭ ތަނަކަށް މަޖިލިސް ނުހެދުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

"މިއަދު އަޅުގަނޑުމެން ފާރަވެރިވާންވީ ރައްޔިތުންގެ މަޖިލީހަށް. ތަކުރާރުކޮށް އަންނަ ސަރުކާރުތަކުން ހަމަލާ ދޭ ތަނަކަށް ނެހެދުމަށް. މިއަދު އަޅުގަނޑުމެން ފާރަވެރިވާން އެބަޖެހޭ އަޅުގަނޑުމެން ގެނައި ޤާނޫނު ތަކުގެ ތެރޭގައި ފާރުވެރިވުމަށްޓަކައި އަޅުގަނޑުމެން އުފެއްދި މުއައްސަސާތައް ހިމާޔަތް ކުރުމަށް." އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ކަލެއަކީވެސް ބޮޑު ބާޣީއެއް !

  2. ދދދދދ

    ތަކުރާރުކޮށް ބޭފުޅާ ޖަލަށް ލާ، ތަކުރާރުކޮށް ޗާޓުން ބޭރުން ކަންކަން ކުރަމުން ދިޔަ މީހަކު އިނގިރޭސިވިލާތުގަ ހުރެގެން ޗޯ ބޭލިއިރު ފަހަތުގަ އަޅު ކުއްޖެއްހެން ބޭފުޅާ ހުރިތަން ދުށީމޭ. ސިޔާސީ ބޭނުމަށް މީހަކު ކޮށްފަ ނުކުރާނެ ކަމެއް ނެތީމަ ތި އެންމެންގަނޑު ނަޝީދު އަތުލަފި ކުރީ. އަހަރުމެން ދުވަހަކުވެސް ހަނދާން ނައްތާލާނެ އަދި މާފު ކުރާނެ ކަމެއްވެސް ނޫން އެއީ. އަދިިވެސް ހަމަ އެ މަންޒަރުވެސް ތަކުރާރު ނުވާނެ ކަމަކަށްވެސް ގަބޫލެއް ނުކުރަން. އެކަކުގެ ޖީބު ބޮޑުކޮށް ދޭކަށް އެކަކަށްވެސް މިފަހަރަކު ވޯޓެއް ނުދޭނަން.

  3. Anonymous

    މަޖްލިސަށް ގެންނަން އެންމެ ރަނގަޅުވާނީ ބަގާވަތެއްގެ ތުހުމަތު ކުރެވޭނެ މީހުން.

  4. ޒަކީ

    މަޖްލިސަށް ގެންނަން އެންމެ ރަނގަޅުވާނީ ބަގާވަތެއްގެ ތުހުމަތު ކުރެވޭނެ މީހުން.