ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް، އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށައެޅުއްވި އިސްލާހަކީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ފުރައްސާރަކުރެއްވުމަށް ހުށަހެޅި އިސްލާހެއްކަމަށާއި، އެ އިސްލާހުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ވިދާޅުވެއްޖެއެވެ.

އެ ގުރޫޕުން ނެރުނު ބަޔާނެއްގައި ވަނީ، ލަތީފް އެ އިސްލާޙު އަނބުރާ ނަންގަވާފައި ނުވާ ކަމަށެވެ. އަދި ލަތިީފް އެއިސްލާހް ހުށަހެޅުއްވުމުގެ ބޭނުމަކީ ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނޭކަން އިޢުލާނުކުރައްވައި ކޭމްޕޭންކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ފުރައްސާރަކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގުޅުމަށް ބުރޫ އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އެމްޑީޕީން ވަނީ، މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ހުށަހެޅުއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެއީ ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ޚިލާފު ޢަމަލެއްކަމަށްވެސް ވިދާޅުވެފައެވެ.

"އަދި އެއީ ނިމިދިއަ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް އެ މެމްބަރާމެދު ހިންގެވި ޢަމަލުތަކެއްގެ ޝިކާރަކަށްވެވަޑައިގަތުމަށް ފަހު، ހިންދެމިލެއްވުމާއެކު އެހެން މީހުންގެ ސިޔާސީ ޙައްޤުތަކަށް އަރައިގަތުމަކީ މައްސަލައެއް ނޫންކަމަށް ދެކެވަޑައިގަންނަވާތީ ޢަބްދުލްލަތީފު މުޙައްމަދު ހިންގެވި ދަށުދަރަޖައިގެ ފިނޑި ޢަމަލެއްކަމަށް ވެސް ދެކެމެވެ". އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން، ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވައި އެ މައްސަލަ ނަންގަވައި، އެކަން ކަށަވަރުކޮށްދެއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިދާޅުވިއެވެ.