އިއްޔެ ހަވީރު ގދ. ގައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް މީހަކު ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މީހާއަކީ އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މީހާއެވެ.

މި އެކްސިޑެންޓުގައި ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް، ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ގައްދޫ ހަނދުވަރީގޭ މުހައްމަދު ޒާހިރު (80) އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާ ހިނގީ ޒާހިރު މަޣްރިބް ނަމާދަށް މިސްކިތަށް ދިއުމަށް ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ އޭނާގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލުގައި އެވަގުތު ދުއްވަން އިން ޒުވާނާގެ އިތުރުން، އިތުރު މީހަކުވެސް ފަހަތުގައި އިން އިރު އެ ދެމީހުންނަށްވެސް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ.