ޤާނޫނީ ވަކީލް މޫސާ ސިރާޖު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ.

ފޮނަދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ސިރާޖު 415 ވޯޓް ހޯއްދެވިއިރު އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި އިސްމާއިލް ޒާހިދަށް ލިބުނީ 282 ވޯޓެވެ. ރިލްވާން ހަލީމް 271 ވޯޓް ހޯއްދެވިއިރު އިބްރާހިމް ރަޝީދަށް ލިބުނީ 117 ވޯޓެވެ. އަސްލަމް މުހުތާރަށް ލިބުނީ 86 ވޯޓެވެ.

ސިރާޖު ނިސްބަތްވަނީ މިހާރު ފޮނަދުއަށް ބަދަލުކޮށްފައިވާ ލ.އަތޮޅު ގާދުއަށެވެ. ސިރާޖު އާއި މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ އެއް ބޭފުޅަކީ މިހާރުގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ސިރާޖު މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިނަމަ އަދުރޭ ފޮނަދޫ ދާއިރާއަށް ކުރިމައްޗެއް ނުލާނެއެވެ. ނަމަވެސް އަދުރޭ ރޭ ވަނީ އޭނާ ފޮނަދޫ ދާއިރާއަށް ކުރިމަތިލާނެ ކަން އިއުލާން ކުރައްވާފައެވެ.

ސިރާޖު އާއްމުންގެ ސަމާލުކަމަށް އައީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ.