2009 ވަނަ އަހަރުން 2014 ވަނަ އަހަރަށް އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބައެއް މެންބަރުން، އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ، 19 ވަނަ މަޖިލީހުގައި ވާދަކުރައްވާނެކަން ކަށަވަރު ކުރައްވައިފިއެވެ.

އެމްޑީޕީގެ ފަރާތުން، 17 ވަނަ މަޖިލީހުގައި އުޅުއްވި މެންބަރުންގެ ތެރެއިން އަންނަ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނީ ހަތަރު މެމްބަރުންނެވެ.

މި ހަތަރު މެންބަރުންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ނާޝިޒު، އިލްޔާސް ލަބީބު، ޙުސައިން ވަހީދު އަދި މުޙައްމަދު ރަޝީދު (ބޮންޑާ) އެވެ.

ހަތަރު މެންބަރުންގެ ތެރެއިން ނާޝިޒު ކާމިޔާބު ކުރައްވާފައިވަނީ ކިނބިދޫ ދާއިރާގެ ޓިކެޓެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން މުޙައްމަދު ނާޝިޒު، 17 ވަނަ މަޖިލީހުގައި ތަމްސީލު ކުރައްވާފައިވަނީ އަލިފުށީ ދާއިރާގެ ގޮނޑިއެވެ. މިހާރުގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރަކީ އަބްދުﷲ ރިޔާޒެވެ.

އިލްޔާސް ލަބީބު ކާމިޔާބު ކުރައްވާފައިވަނީ އައްޑޫ ހުޅުދޫ ދާއިރާގެ ގޮނޑިއެވެ. 17 ވަނަ މަޖިލީހުގައިވެސް އޭނާ އެގޮނޑި ފުރުައްވާފައިވެއެވެ. މިހާރު އެގޮނޑީގައި އިންނެވި މެންބަރަކީ މުޙައްމަދު ޝާހިދު (ޝާޑު) އެވެ. އިލްޔާސް ޓިކެޓު ހޯއްދެވީ ހަތަރު ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ.

މީގެއިތުރުން، މުޙައްމަދު ރަޝީދު (ބޮންޑާ) ކާމިޔާބު ކުރައްވާފައިވަނީ 17 ވަނަ މަޖިލީހުގައިވެސް އޭނާ ކާމިޔާބު ކުރެއްވި މާފަންޑު ދެކުނު ދާއިރާގެ ގޮނޑިއެވެ. މިހާރުގެ މަޖިލީހުގައި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ފުރުއްވަނީ އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ހަމައެހެންމެ، ޙުސައިން ވަހީދުވެސް ކާމިޔާބު ކުރައްވާފައިވަނީ 17 ވަނަ މަޖިލީހުގައި އޭނާ ތަމްސީލު ކުރެއްވި ކޮމަންޑޫ ދާއިރާގެ ގޮނޑިއެވެ. މިހާރު ކޮމަންޑޫ ދާއިރާގެ މެންބަރަކީ އަޙުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

މީގެއިތުރުން، އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ ޓިކެޓު އަޙުމަދު އީސާ ކާމިޔާބު ކުރައްވާފައިވެއެވެ. އޭނާއަކީ 17 ވަނަ މަޖިލީހުގައި އެގޮނޑި ފުރުއްވި މެންބަރެވެ.