ނ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން މަގޫދޫ އަކީ އާބާދީ އެންމެ ކުޑަ ރަށެވެ. ރަށުގެ ރަޖިސްޓްރީގައި މިވަގުތު ތިބީ 430 މީހުންނެވެ. ރަށުގެ ތަރައްޤީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީވެސް އާބާދީ މަދުވުމެވެ. ކަންމިހެން ހުރުމާއި އެކުވެސް، ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި މަގޫދޫ ރައްޔިތުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ސުކޫލުންދޭ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބެލެނިވެރިންގެ ގޮތުގައި އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، މިވަގުތު މަގޫދޫ ސުކޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސުކޫލު ހިންގާނެ ރަނގަޅު ޕްރިންސިޕަލެއް ނެތުމެވެ. އެ މަޤާމުގައި މިވަގުތު މަސައްކަތް ކުރަމުންދަނީ ބިދޭސީއެކެވެ. ސުކޫލުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ނުކުރުމާއި، ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަން ތަންފީޒު ނުކުރެވި ދިގުލައިގެން ދިއުމުގެ ސަބަބުން އެތަށް ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. ސުކޫލުގެ އިތުރު ހަރަކާތްތައް ރާވާ އިންތިޒާމު ނުކުރެވުމާއި ، ދަރިވަރުންގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ކަންކަން ހަމަޖެހިފައި ނެތުމުގެ ސަބަބުން ޓީޗަރުންގެ ޝަކުވާތައް ވަނީ ގިނަވެފައެވެ.

ރަށުގެ އާބާދީ މަދުކަމުގައިވީނަމަވެސް ، ރަށުން ރަނގަޅު ތަޢުލީމެއް ލިބި ސުކޫލު ހަރުދަނާ ގޮތެއްގައި ހިންގޭތަން ފެނުމަކީ އެ ރަށު ރައްޔިތުން ކުރާ ވަރަށް ބޮޑު އުންމީދެކެވެ. ސުކޫލަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަގޫދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ނަޞީރު ވިދާޅުވީ، ބިދޭސީ މީހަކާ ސުކޫލު ހިންގަން ހަވާލުކޮށްފައިހުރުމަކީ ސުކޫލު ހަރުދަނާ ކުރުމަށް އެޅިފައިވާ ހުރަހެއް ކަމަށާއި، ރަށުގެ އާއްމު ރައްޔިތުންނާއި ސުކޫލުގައި މަސައްކަތް ކުރައްވާ ޓީޗަރުންވެސް އެކަން ވަރަށް ބޮޑަށް ފާހަގަ ކުރަމުން އަންނަ ކަމަށެވެ.

މަގޫދޫ ސުކޫލުގެ ދަރުވަރުންތަކެއް ، ފޮޓޯ؛ މަގޫދޫ ކައުންސިލް

" ބިދޭސީއަކާއި ހަވާލުކޮށްގެން ސުކޫލު ހިންގާތާ މިއީ ދެވަނަ އަހަރު. ވަރަށް ގިނަ ކަންކަން އެބަހުރި ރަނގަޅުކުރަންޖެހޭ. ވެރިއެއްގެ ގޮތުގައި އުފުލަންޖެހޭ ޒިންމާތައް ޕްރިންސިޕަލަކަށް ނުއުފުލޭ. ކަންކަމުގައި ގޮތް ނިންމަން ފަސްޖެހޭގޮތްވެފަ ހުންނަނީ. މިކަމާއި ގުޅިގެން މިދިޔަ ރިޔާސީ އިންތިޙާބުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރިން. ކަމާބެހޭ ހުރިހާ ފަރާތްތަކަކަށްވާނީ މިރަށު ސުކޫލުގެ ހާލަތު ޙިއްޞާކޮށްފަ" ފަތުޙުﷲ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ބައެއް ޓީޒަރުންނާއި މުވައްޒަފުންވެސް "ވަގުތަށް" މަޢުލޫމާތު ޙިއްސާކުރިއެވެ. އެގޮތުން ސުކޫލުގެ ސީނިއަރ މެނޭޖްމަންޓުގައި މަޝްވަރާކުރާ ކަންކަން ވަކި ގޮތަކަށް ނިމުމުގެ ކުރިން ޕްރިންސިޕަލް، ބެލެނިވެރިންނާއި އެވާހަކަތައް ޙިއްޞާކުރާ ކަމަށާއި ، އެހެންކަމުން މުވައްޒަފުންނާއި ދޭތެރޭ އޮންނަންޖެހޭ ގާތްގުޅުން، ހީނަރުވެފައިވާކަން ފާހަގަ ކުރެއްވިއެވެ.

މަގުދޫ ސުކޫލަކީ އެއްދަންފަޅިއަށް ހިންގަމުން އަންނަ ސުކޫލެކެވެ. ކުލާސްތައް ކުރިއަށްދަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 6:45 ން ފެށިގެން 12:10 އާއި ދެމެދުއެވެ. މަގޫދޫ ސުކޫލުގައި، ޕްރީ ސުކޫލުގެ ދަރިވަރުންނާއި އެއްކޮށް ޖުމްލަ 76 ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓާޓާ

    އެރަށަށް ދާނެ ޕްރިންސިޕަލް އަކު ހަމަ ނެތީތޯ؟

  2. ހުސޭނުބޭ

    ތިޔަ 76 ކުދިން ކައިރިރަށަކަށް ގެންދިޔުން މާ ޚަރަދުކުޑަވެފަ ރަގަޅުވާނެ. މިލަދޫ ސްކޫލަށް ކޮންމެދުވަހަކު ގެންގޮސް ގެނައުން ބުއްދިވެރި މަހު ކުއްޔަށް ފެރީ ދޯންޏެއް ހޯދީމަ މާހަރަދުކުޑަވާނެ އަދި ކުދިންގެވިސްނުން ރަގަޅުވާނެ

  3. ތަރައްގީ

    މީހުންކޮޅު ތަރައްގީއާ ކުރިމަގު އޮތް ރަށަކަށް ބަދަލުވޭ އަވަހަށް. ކާށި ހޮވާ ޒަމާން ފާއިތުވެ ހިނގައްޖެ.