އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރަކު ފޮނުވަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓް ކޮށްފިއެވެ.

ދަ ހިންދޫ ނޫހުގައި ބުނެފައިވަނީ އެ ގައުމުން ރާއްޖެ އަށް އަލަށް ކަނޑައެޅީ އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އިންޓަނޭޝަނަލް ކޯޕަރޭޝަންސްގެ މަގާމުގައި ހުންނެވި ސަންޖޭ ސޫދިރު ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރަކު ކަނޑައެޅި އިރު، އާ ސަފީރު ރާއްޖެ އަށް ވަޑައިގަންނަވާނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.

ދަ ހިންދޫ ނޫހުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ބުނީ، މި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 20 ސަފީރުންނާއި، އެންބަސީތަކުގެ އިސް އޮފިޝަލުން ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނާވާ ސަފީރު ބަދަލު ކުރަން ނިންމާފައިވަނީ ވެސް އެ ބަދަލުތަކުގެ ތެރެއިންކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

މި ބަދަލުތަކުގެ ފުރަތަމަ ބުރުގައި ރާއްޖޭގައި ހުންނަވާ ސަފީރުގެ އިތުރުން ބޫޓާން، މެކްސިކޯ، އިޒްރާއީލް، ސައުތު އެފްރިކާ، އާޖެންޓީނާ، ނިއުޒިލޭންޑް އަދި ވިއެޓްނާމްގައި ތިއްބަވާ އިންޑިއާގެ ސަފީރުން ވަނީ ބަދަލު ކޮށްފަ އެވެ.

އިންޑިއާއިން ރާއްޖެއަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެ މަގާމާ ހަވާލުވީ 2016 ވަނަ އަހަރެވެ.

ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނާގެ މަގާމަށް 2016 ވަނަ އަހަރު އަކިލޭޝް އައްޔަންކުރެއްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ރަޖީވް ޝަހާރޭ ޑެންމާކުގައި ހުންނަވާ އިންޑިއާގެ ސަފީރަކަށް ހަމަޖެއްސުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު