ފިންލޭންޑްގެ ތައުލީމީ ނިޒާމަކީ އެންމެންވެސް ބަލައިގަންނަ ފެންވަރުރަނގަޅު ނިޒާމެއްކަމަށާއި، އެފަދަ ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް އެހީތެރިވެދިނުމަށް ތައްޔާރަށްއޮތްކަމަށް އެޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ހަރޯ ކަމަރައިނެން ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ރައީސް ސޯލިހު ވަނީ، ފިންލޭންޑްގެ އާ ސަފީރާ ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ފިންލޭންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ފިންލޭންޑްގެ ‏‏އާ ސަފީރުގެ ދައުރުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސު ވިދާޅުވިއެވެ.‏

ބައްދަލު ކުރެއްވުމުގައި ސަފީރު ވިދާޅުވީ ތައުލީމީ ނިޒާމުގެ އިތުރުން އެހެން ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަމަށެވެ. ވަކީން ޚާއްޞަ ގޮތެއްގައި ތިމާވެއްޓާ ރައްޓެހި ސާފު ޓެކްނޮލޮޖީއާއި ޞިއްޙީ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮތްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ފިންލޭންޑްގެ ސަފީރު ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭބީ

    އަނެކަކު މީ. މީނަވެސް ރާއްޖެތެރޭން ރަށެއް ބޭނުންވީ ކަންނޭގެ. މިހާރުވެސް ނުލާހިކުސަޅި ތަޢްލީމީ ނިޒާމެއް މިއޮތީ.