ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު 3:30 ހާއިރު ގެނބިފައި ވަނީ ޕާކިސްތާނުގެ ފިރިހެން ފަތުރުވެރިއެކެވެ. ފުލުހުން ވިދާޅުވީ ތުލުސްދޫ ހެލްތު ސެންޓަރުގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށާއި، ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ.

މިއަދު ތުލުސްދޫގައިވެސް ފަތުރުވެރިޔަކު ގެނބިގެން ފަރުވާ ދީފައިވާއިރު، ދާދިފަހުން ރާއްޖޭގައި ވަނީ ފަތުރުވެރިންގެ ގެނބުމުގެ ނުރައްކާތެރި ގިނަ ޙާދިސާތަކެއް ހިނގާފައެވެ. އެގޮތުން، ކ. ދިއްފުށީގައި މޫދަށް އެރި އުޅުނު ފިލިޕީންސްގެ ދެމަފިރިއަކު ވަނީ މަރުވެފައެވެ. މި ދެ މީހުންގެ ހަށިގަނޑު އެޤައުމަށް ގެންދިޔައީ އިއްޔެއެވެ.

ހަމައެހެންމެ، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސޮންކަރލިންގައި އުޅުނު ކޮރެޔާގެ އަންހެނަކުވަނީ ގެނބިގެން ފަރުވާ ދީފައެވެ. ހަމައެހެންމެ، އެރިސޯޓުގައި މޫދަށް އެރި އުޅުނު ޗެކް ރިޕަބްލިކުގެ އަންހެނަކުވެސް މަރުވެފައިވެއެވެ.

މިފަދަ ޙާދިސާތައް އިތުރުވަމުންދާއިރު، ކޮންމެ ރަށެއްގައިވެސް މޫދަށް އެރި އުޅެން ރައްކާތެރި ސަރަޙައްދުތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.