މަގުތަކުގައި މިއަދު އެކަކަށްވެސް ސަލާމަތެއް ނެތެވެ. ހިނގާފައިދާ މީހުންނާއި ގަވާއިދާ އެއްގޮތަށް ދާ މީހުންނަށް ވެސް އޮތީ ނުރައްކަލެވެ. އަންނާނެ އަދި ނުކުންނާނެ ދިމާލެއް ނޭނގެއެވެ. މަގުމައްޗަށް މިއަދު ނުކުންނަން މި ޖެހެނީ އެނބުރި ގެއަށް ދެވޭނެ ކަމުގެ އުއްމީދު އޮވެގެންނެއް ނޫނެވެ.

އެކަމަކު ކުރާނީ ކީއްތޯއެވެ. މިއީ އަބަދުވެސް ރާއްޖޭގެ މަގުތަކުގެ ހާލަތެވެ. ހާއްސަކޮށް މާލޭ ސަރަހައްދާއި ބޮޑެތި ސިޓީތަކުގައި މިކަން މިއަދު ހައްދުން ނައްޓައިފިއެވެ. ގިނަ ޒުވާނުންނަށް ބާރަށް ދުއްވާ ސައިކަލަކަށް އެރުނީތީ މަގަކީ އެމީހެއްގެ ތަނަކަށްވެއްޖެއެވެ. ނަތީޖާއަކަށްވަނީ ތިމާ، ނުވަތަ އަނެކާގެ މަރެވެ. ނުވަތަ ނުކުޅެދޭ ހާލަތަކަށް ދިއުމެވެ. މުދަލަށް ގެއްލުން ލިބުމެވެ.

މިދިޔަ 19 ދުވަސް ތެރޭގައި 170 އެކްސިޑެންޓް

އެކްސިޑެންޓުތަކުގެ ވާހަކަ ކަންފަތަށް އަބަދު އިވޭ ރަނގަބީލަކަށް ވެއްޖެއެވެ. މިއަހަރު ފެށިގެން މަހުގެ ފުރަތަމަ 19 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 170 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އެވްރެޖްކޮށް ބަލާނަމަ ދުވާލެއްގެ މައްޗަށް 9 ވަރަކަށް އެކްސިޑެންޓެވެ.

ދުއްވާ އެއްޗެހި ދުއްވުމުގައި ތިމާއާ އެހެންމީހުންގެ ފުރާނައަށްވެސް ވިސްނާ - ފޮޓޯ: ރައްކާ ރޯޑްޝޯވ

މި އެކްސިޑެންޓްތަކުގެ ތެރެއިން ވެސް 136 އެކްސިޑެންޓް ހިނގާފައި ވަނީ ވެރިރަށް މާލެ ހިމެނޭ، ސަރަހައްދުގައެވެ. އެކްސިޑެންޓްތަކުގައި އެކި މީހުންނަށް އެކި ވަރުގެ އަނިޔާ ވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ.

ޖެނުއަރީ 19 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓްތަކުގެ އަދަދުތައް:

މާލެ: 91
ހުޅުލެ: 8
ހުޅުމާލެ: 35
ވިލިމާލެ: 2

މީގެ އިތުރުން އައްޑޫ ސިޓީގައި 9 އެކްސިޑެންޓް، ފުވައްމުލައް ސިޓީގައި ތިން އެކްސިޑެންޓް ވަނީ ހިނގައިފައެވެ. އަދި ލ.އަތޮޅުގައި އެއް އެކްސިޑެންޓް ހިނގާފައިވާއިރު، އިތުރު ރަށްތަކުގައި ހިނގި އެކްސިޑެންޓްތަކުގެ އަދަދު 21 އަރައެވެ.

ދުއްވާ އެއްޗެހި ދުއްވުމުގައި ތިމާއާ އެހެންމީހުންގެ ފުރާނައަށްވެސް ވިސްނާ - ފޮޓޯ: ރައްކާ ރޯޑްޝޯވ

ދެން އޮތް ސުވާލަކީ އެކްސިޑެންޓް ހިނގަނީ ކީއްވެތޯއެވެ. ފުލުހުންގެ ޓްރެފިކް ޕޮލިސްގެ ހެޑް ސްޕްރިންޑެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު "ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އެކްސިޑެންޓްތައް ހިނގާފައި ހުރީ މަގަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.

"އެއީ ފަރުދީގޮތުން ނަގަން ޖެހޭ ޒިންމާ، އޭގެ މާނައަކީ ގާނޫނާއި ގަވާއިދުގެ ހުރި ސްޕީޑުތަކަށްވުރެ ސްޕީޑް ލިމިޓް ހައިކޮށް ދުއްވައިގެން. މަގަށް ދޭން ޖެހޭ ސަމާލުކަން ނުދީ މަގުގެ ގޯޅިތަކުން މަގަށް ނުކުތުމުގެ ސަބަބުން ހިނގާފައި ހުރި އެކްސިޑެންޓްތައް އެ ހުރީ" ސަމީރު ވިދާޅުވިއެވެ.

އެކްސިޑެންޓްތައް ހުއްޓުވަން ފުލުހުން ކުރީ ކޮން ކަމެެއް؟

ކަންކަން ގޯހުން ދާ ފެށުމުން، ސުވާލު ކުރެވޭނީ ޒިންމާދާރު ފަރާތްތަކާއެވެ. މިއީ އެކްސިޑެންޓުގައި އުފެދޭ ބޮޑު ސުވާލެވެ. މިވަރަކަށް އެކްސިޑެންޓުތައް ހިނގާއިރު ޓްރެފިކް ފުލުހުން ކޮބައިތޯއެވެ. މިކަން ހުއްޓުވަން ފުލުހުން އެއްވެސް ކަމެއް ނުކުރަނީ ބާއެވެ. ކަމާގުޅޭ އިދާރާތައް ނެތީތޯއެވެ. އެކްސިޑެންޓެއް ހިނގާ އެކަން ބޮއްސުންލައިގެން ގޮސްފައިވާއިރު، އެކަމުގައި ފުލުހުންގެ އިހުމާލު އޮންނަ ކަމަށް ގަބޫލުކުރާ މީހުންވެސް ގިނައެވެ.

ނަމަވެސް ހަގީގަތަކީ، ސަމީރު ވިދާޅުވާ ގޮތުގައި ފުލުހުން އަބަދުވެސް ޓްރެފިކް ނުވަތަ ރޯޑް ސޭފްޓި މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން މީހުން ހޭލުންތެރި ކުރުވުމާއި ހާއްސަކޮށް ބާރު ސްޕީޑްގައި އުޅަނދުފަހަރުތައް ދުއްވާ ފަރާތްތައް އެޓެންޑް ކުރުމާއި ބުރިޖާއި ބުރިޖާއި ގުޅިފައިވާ މަގުތަކުގައި ބާރު ސްޕީޑްކޮށް ދުއްވާ މީހުން ހުއްޓުވާ ނަސޭހަތް ދެމުން ގޮސްފައިވާކަން އޭނާ ފާހަގަކުރިއެވެ.

ދުއްވާ އެއްޗެހި ދުއްވުމުގައި ތިމާއާ އެހެންމީހުންގެ ފުރާނައަށްވެސް ވިސްނާ - ފޮޓޯ: ރައްކާ ރޯޑްޝޯވ

ބުރިޖާއެކު އެކްސިޑެންޓްތައްވީ އިތުރު؟!

ގިނަ ބަޔަކު ގަބޫލުކުރާ ގޮތަކީ އެއީއެވެ. މާލެ އާއި ހުޅުމާލެ ގުޅާލައި ހެދި ސިނަމާލެ ބުރިޖު ހުޅުވާލުމާއެކު ގިނަ މީހުންނަށް އެތަންވީ ބްރިޖަކަށްވުރެ ރޭސް ޓެރެކަކަށެވެ. ބާރު ސްޕީޑްގައި އެއްވެސް އެހެން އުޅަނދަކަށް ބެލުމެއް ނެތި ދުއްވަމުން ދިޔައީ ތިމާގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައެވެ.

ބްރިޖް މަތިން ފުލުހުންގެ ވެހިކަލެއް ދުއްވާފައި ދަނީ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ނަމަވެސް ޓްރެފިކް ޕޮލިސްގެ ހެޑް ސަމީރު ވިދާޅުވި ގޮތުގައި، ބުރިޖު ހުޅުވައިގެން އުޅުނު ދުވަސްވަރަށްވުރެ މިހާރު ބުރިޖު މަތީގައި ހިނގާ އެކްސިޑެންޓްތައް މަދެވެ.

"އެހެން ނަމަވެސް މި ހަފްތާ ތެރޭގައި ސީރިއަސް އެކްސިޑެންޓްތައް އިތުރުވެގެން މިދިޔައީ. ޖުމްލަ ގޮތެއްގައި ދެންނެވޭނީ ބުރިޖު ފުރަތަމަ ހުޅުވިއިރަށްވުރެ މިހާރު ހިނގާ އެކްސިޑެންޓްތައް މަދުކަން". ސަމީރު ވިދާޅުވިއެެވެ.

ގަވާއިދަށް އަހުލުވެރި، ނަމަވެސް ފަރުވާކުޑަ

ފުލުހުން ވިދާޅުވާ ގޮތުގައި، ރާއްޖޭގެ ގިނަ ރައްޔިތުން ޓްރެފިކް ގަވާއިދުތަކަށް އަހުލުވެރިއެވެ. ނަމަވެސް މައްސަލައަކީ އެ މީހުންގެ ފަރުވާ ކުޑަ ކަމެވެ.

އެގޮތުން ޕާކް ކުރުމުގައި ފަރުވާ ކުޑަ ކުރުމާއި ފެންނަ ކޮންމެ ތަނެއްގައި ޕާކު ކުރުން ދިވެހިންގެ މެދުގައި އާއްމެވެ. ނުވިތާކަށް ކުޑަކުދިންގެ އަތަށް ސައިކަލު ދުއްވަން ދިނުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް ވެސް ގިނައެވެ. މިއީ ވެސް ބޮޑުތި މީހުން އެމީހުންނަށް އެނގިތިބެ ނުރައްކަލަށް ހުށަހެޅުމެވެ.

ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޛަސް
ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޛަސް

ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ އަނެއް ވާހަކައެވެ. މިއަދު ވެސް ދިވެހި މުޖުތަމައުގައި ލައިސެންސް ނެތި ދުއްވާ ޒުވާނުން ގިނައެވެ. އެކުށަށް ގިނައިން އަރައި ގަންނަނީވެސް ނޫކަށި ފުރައިގެ ޒުވާނުންނެވެ. މިއީ އެކުދިންގެ މައިންބަފައިން ވެސް ޒިންމާވާންޖެހޭނެ ކަމެކެވެ.

އައްޑޫ ސިޓީ، ލާމު

އައްޑޫ ސިޓީ އާއި ލަމަކީވެސް އެކްސިޑެންޓްތައް ގިނަ ދެ ސަރަހައްދެވެ. މި ދެ ސަރަހައްދުގައިވެސް ހިނގި އެކި އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ މީގެ ކުރިން ވަނީ ގެއްލިފައެވެ.

އައްޑޫ އާއި ލާމުގެ އެކްސިޑެންޓްތައް މަދުކުރެވެން އޮތީވެސް މަގުމަތީގައި ވެހިކަލް ދުއްވާ މީހުން ހެދިފައި ހުންނަ ގަވާއިދުތަކަށް ބޯލަބައިގެންކަމަށް އެ ސަރަހައްދުތަކާއި ހަވާލުވެގެން ތިބޭ ފުލުހުންގެ އިސްވެރިން ވިދާޅުވިއެވެ.

އައްޑޫގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު – ފޮޓޯ: ކިޔުންތެރިއެއް
އައްޑޫގައި އެކްސިޑެންޓެއް ހިނގި ސަރަހައްދު – ފޮޓޯ: ކިޔުންތެރިއެއް

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރަޝްވާން ވިދާޅުވީ، އައްޑޫސިޓީގައި، މަގުތަކުގެ ހާލަތު ރަނގަޅުކޮށްގެންކަން ވެސް އެކްސިޑެންޓްތައް މަދުކުރެވޭނެ ކަމަށެވެ.

"ލިންކްރޯޑްގައި ދެކޮޅަށް ދުއްވާ ލޭންތައް ވަކިން އިނގޭގޮތަށް ޑިވިޑާ، ކެޓް އައި، ލައިން ހުރެގެންނާއި، ލިންކް ރޯޑްގެ ބެންޑްތައް އިނގޭ ކަހަަލަ ނިޝާންތައް ހުރެގެން. ރަށު ތެރޭގައި ސްޕީޑް ޑައުން ކުރުމަށް ރަމްބްލް ސްޓްރިޕް އަޅައިގެން". އެކްސިޑެންޓްތައް މަދުކުރެވޭނެ ކަމަށް ރަޝްވާން ވިދާޅުވިއެވެ.

އަދި އައްޑޫ ސިޓީ އާއި ލާމުގައިވެސް އެކްސިޑެންޓްތައް ހިނގަފާއި ވަނީ، ބަލަންވީ ވަރަށް ނުބަލާ ބާރް ސްޕީޑްގައި ދުއްވުމުގެ ސަބަބުންނެވެ.

އަދި ރަޝްވާން ވިދާޅުވީ، އައްޑޫގައި މަގުތަކުގެ ހާލަތުގެ ސަބަބުންވެސް އެކްސިޑެންޓްތައް ހިނގާކަމަށެވެ. އަދި މަގުތަކުގެ ހާލަތާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްްޓްރީއަށް މިދިޔަ އަހަރު މައުލޫމާތު ދީފައިވާނެ ކަންވެސް އޭނާ ފަަހަގަކުރިއެވެ.

އައްޑޫ ސިޓީގައިވެސް އެކްސިޑެންޓްތައް މަދުކުރުމަށް ސްކޫލް ކުދިންނަށް ހާއްސަ ޕްރޮގްރާމްތަކާއި، ފްލައިންގ ސްކޫލްގެ މުވައްޒަފުންނަށް ހާއްސަ ޕްރޮގްރާމްތަކާއި، ބައެއް އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ މުވައްސަސާތަކަށް ހާއްސަ ޕްރޮގްރާމްތައް ހިންގާފައި ވެއެވެ. އަދި ކޮންމެ ދުވަހަކު ޓެރެފިކް އޮޕަރެޝަންތައްވެސް ދަނީ ކުރިއަށެވެ.

ލާމު ލިންކް ރޯޑް ބޭނުން ކުރުމުގައި ހާއްސަ ގަވާއިދުތަކެއް ހެދުން ބުއްދިވެރިއެވެ. އަދި ވެހިކަލްތަކުގައި ތަކެތި އުފުލުގައިވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ލ.ގަން
ލ.ގަން

ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ޑިވިޝަން ކޮމާންޑަރ މުސްތާގް މުހައްމަދު ވިދާޅުވީ، ލާމު ލިންކްރޯޑް ބޭނުން ކުރުމުގައި ގަވާއިދު ހެދިގެން ދިއުމުން ހެލްމެޓް އެޅުން މަޖުބޫރުވާނެކަމަށެވެ. އަދި އެ ގަވާއިދު މި އަހަރު ވުޖޫދުވުމަކީ އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތާގް ވިދާޅުވީ، ލާމުގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދު ކުރުމަށް ޓްރެފިކް ބެލެހެއްޓުން އިތުރުކޮށްފައިވާކަމަށެވެ. އަދި އާއްމުންގެ އެހީތެރިކަމާއެކު ނަތީއްޖާ ރަނގަޅުކަން މުސްތާގް ފާހަގަކުރިއެވެ. މުސްތާގް ވިދާޅުވީ، މިކަންކަން ކުރުމުގައި އާއްމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށެވެ.

ޒުވާނުންނޭވެ. ހޭލުންތެރިވާށެވެ. ދުއްވަނީ ހަމަ ތިމާކަން ދަނެގެން ނިކަން ދުވެލި މަޑުކޮށް ބަލާށެެވެ. ތިމާ އާއި ތިމާގެ އާއިލާ މިއަދުވެސް މާދަމާ އަދި އެހެން ދުވަހަކުވެސް ތިމާ ދެކެން ބޭނުންވާނެއެވެ. އެ މީހުން ތިމާ ދެެކެން ބޭނުންވާނީ ލެއިން ތަތްތެޅިފައި އޮއްވާ އެއް ނޫނެވެ. ނޫނީ މަރުގެ ތުންފަތްމަތީގައި އޮއްވާ އެއް ނޫނެވެ. ތިމާއަށް ބޮޑު ގެއްލުމެއް ލިބިފައި ހުއްޓަކާއެއް ނޫނެވެ. އެ މީހުން ތިމާ ދެކެން ބޭނުންވާނީ ހެޔޮހާލުގައި ހުއްޓާއެވެ. ދެލޮލުގެ ނޫރު ފަދައިން ބަލާބޮޑުކުރި ދަރިފުޅަށް ދެރަގޮތެއް ވާކަށް އެއްވެސް މަޔަކުވެސް ބަޔަކުވެސް ބޭނުމެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޒިންމާ

    މި ހަބަރު ލިޔުނު މީހާވެސް ޒިންމާވާންޖެހޭނެ

  2. ނަޖީބާ ޢަލީ

    މަސްތުވާއެއްޗެއްސާއި ޑްރަގު ތިޔާގިވެ ، ބިރަކާނުލައި މަޖާކުރުމުގެ ފުރުޞަތު ފުޅާވެފައި މިއޮތީ! ވަޢުދު ފުއްދުމަށް ޒުވާނުންނަށް ބޭނުންގޮތަކަށް އުޅެލުމުގެ ފަހިކަން މިއޮތީ ގެންސްދީފަ! ރާއްޖޭގެ އަމާންކަން ނާމާންކަމަށްބަދަލުވެ ، ބިނާކުރުން ފަނާކުރުމަށް ބަދަލުވެ ، ދީނެއް މިއްލަތެއް ޢަބުރެއް ކަރާމަތެއްނެތި މީސްތަކުން ހިތުހުރިހާއެއްޗެއް ގޮވުމުގެ ފުރުޞަތު މިއޮތީފަހިވެފަ! ނުކިޔަވާހުރި މީހަކު ވެރިކަމަށްއިސްކޮށް ނާޤާބިލް މީހުން ވަޒީރުންނަށްހަދައި ، ހިނގަހިގާހުރި ބާރު އިޤްތިޞާދު ވަޅުޖަހަމުންދާއިރު ޢިލްމުވެރިންނޭކިޔާ މީހުންނާ މުފައްކިރުން ވަނީ އަނގަ ބަނދެފަ! މާތްﷲއަށް ވަކީލުކޮށް ތިމާ ތިމާގެ ސަލާމަތްހޯދުން ނޫންގޮތެއް ނެތް!

  3. ޖިންނި

    ހުރިހައިވެސް މައްސަލައަކީ ފުލުހުން އެމީހުނަށް ޒިންމާ އަދާ ނުކުރެވޭކަން ނޫނީ ނުކުރާކަން އިޚްލާސްތެރިކަމެއްނެތްކަން ޕާޓޭން ހިތުހުރި ގޮތަކަށް ދުއްވާއިރު ފުލުހުންތިބެނީ އަޅާވެސްނުލާ ފުލުހުންގެ ކުރިމަތީ ޓެކްސީއަކަށް ގެއްލުންދިންއިރުވެސް އެމީހުންތިބީ ރަނޑުއަންހެނުންނަށްވުރެންވެސް ރަނޑުކޮށް ޕޭމަންޓްމަތީ ބާރުބާރަށް ސައިކްދުއްވާއިރުވެސް އަޅާވެސްނުލާތިބެނީ

  4. ވަގުކަލޭގެ

    މިރޔާމީން ކަންތަކޭ.. މައޭރުވެސް ބުނިން ބުރިޖްނާޅާށޭ.. ތިހަދަނީ ގޯހެކޭ..

  5. ÷ުޕް

    ހީވަނީ އާލަމެއްހެން ބަލަ ތަންކޮޅު ކުޑަވެފައި އެއްޗެހި ގިންވީމާ ވާނީ ތިހެން

  6. ބަކުރުބެ

    ގުރެއެޓް މާލޭ، އޯކޭވާނެ

  7. ބުރޯ

    އެކްސިޑެންޓް ހިގުމުގެ އަސްލު މައްސަލަޔަކީ އޯވަރޓޭކް .ކުރި އަރައިގެން ދިއުމަށް ކުރީގަ ހުންނަ އުޅަނދުގެ ކަނާތް ވައަތްފަރާތް ވަކިނުވުން. ގަވާއިދުގަ ބުނަނީ ކުރީގަ ހުންނަ އުޅަނދުގެ ކަނާތްފަރާތުން އޯވަރޓޭކް ކުރަން ކުރީގަ ހުނރި އުޅަނދުންޖާގަދިނީމަ އޯވަރޓޭކް ކުރަން މިއަދު އެކަންބަލާ ބަޔަކުނެތް 2000 އާހަމަޔަށް ރަނގަޅަށްއައި އޭގެ ފަހުން މަގުމަތި ބޮއްސުންލައިފި . ފުލުހުންނަށްވުރެ ސިޔާސީ މީހުން ނާ ސިޔާސީ މީހުންގެ އެކްޓިވެސްޓުމް މަގުތަކަށް ގަދަވެގެންފި. ފުލުހުންގެ އަގުވައްޓާ ފުލުހުންގެ ހުރުމަތް ކަނޑުވައިފި. އެކްސީޑެންޓް ގިނަވަނީ މިހެންވެ. މާލެއިން ބަރިޖަށް އަރާ ލައިޓް ގައާއި ހުޅެލެއާ ހުމާލެ ގުޅުވާ ލައިޓް ގަ ބްރިޖްމަތީގަ ދުއްވޭނެ ގޮތާ އެއް ވެހިކަލަށް ވުރު ގިން ވެހިކަލް އެއް ހަމައިގާތިބެ ވާހަކަދައްކަމުން ނުދުއްވޭނެ ކަމާ ކުރިޔަށް އެރޭނީ ސައިކަލް ލައިނުންނަމަ ކުރީގަ އޮންނަ ވެހިކަލުން ޖާގަ ދިނީމާކުރީގަ ހުންނަ ސައިކަލްގެ ކަނާތްފަރާތުން ކަމާ ހަތަރު ފުރޮޅުލީ ވެހިކަލް އޯވަރޓެކް ކުރެވޭނެކަން ނުވަތަ ނޫންކަން އޯވަރޓޭކް ކުރެވޭނެގޮތް ލިޔެ ބްރިޖް ގެ 2 ލައިޓްގާ 4 ބޯޑް ބަހައްޓާ އެގަވާއިދާ ހިލާފަށް ދުއްވާފަރާތްތަކަށް ފިޔަވަޅުއެޅުން. މަގުތަކުގާ ދުއްވާ ފަރާތްތަކުންވެސް ކުރީގަ ހުންނަ ވެހިކަލް ގެ ކަނާތްފަރާތުންކަމާ އެއްވެސް ތަނެއްގާޒިގްޒެގް ވާގޮތަށް ނުދުއްވޭނެކަން މިއީ އެކްސިޑެންޓް ވާން މެދުވެރިވާ ސަބަބުތައް މިކަން ހައްލުކުރޭ.

  8. ސުވާލް މާރކް

    ކޮންމެހެން ވަކި ބައެއްގެ ބޮލަށް ކަނޑަން ހަދާނެ ކަމެއްނެތް..

  9. ދދދދދދ

    ޒިންމާ ނަގަން ޖެހޭނީ ޔާމީން. ވެރިކަމުގަ އެހެން ބައެއް. ޒިންމާދާރު މަގާމުތަކުގަ ލާދީނީން.

  10. ނާނާ

    މަސްތުވާއެއްޗެއްސާއި ޑްރަގު ތިޔާގިވެ ، ބިރަކާނުލައި މަޖާކުރުމުގެ ފުރުޞަތު ފުޅާވެފައި މިއޮތީ! ވަޢުދު ފުއްދުމަށް ޒުވާނުންނަށް ބޭނުންގޮތަކަށް އުޅެލުމުގެ ފަހިކަން މިއޮތީ ގެންސްދީފަ! ރާއްޖޭގެ އަމާންކަން ނާމާންކަމަށްބަދަލުވެ ، ބިނާކުރުން ފަނާކުރުމަށް ބަދަލުވެ ، ދީނެއް މިއްލަތެއް ޢަބުރެއް ކަރާމަތެއްނެތި މީސްތަކުން ހިތުހުރިހާއެއްޗެއް ގޮވުމުގެ ފުރުޞަތު މިއޮތީފަހިވެފަ! ނާޤާބިލް މީހުން ވަޒީރުންނަށްހަދައި ، ހިނގަހިގާހުރި ބާރު އިޤްތިޞާދު ވަޅުޖަހަމުންދާއިރު ޢިލްމުވެރިންނޭކިޔާ މީހުންނާ މުފައްކިރުން ވަނީ އަނގަ ބަނދެފަ! މާތްﷲއަށް ވަކީލުކޮށް ތިމާ ތިމާގެ ސަލާމަތްހޯދުން ނޫންގޮތެއް ނެތް!