ޕީޕީއެމުން ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ސުޕްރީމް ކޯޓުގައި އިސްތިއުފް އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފިއެވެ.

ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިޖުރާއުތައް ފުރިހަމަ ނުވާތީ ކަމަށް ބުނެއެވެ. ކޮމިޝަނުގެ ނިންމުން ޕީޕީއެމުންް ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. ހައިކޯޓުން މައްސަލަ ނިންމީ ޕީޕީއެމް އާއި އެއްކޮޅަށެވެ.

ހައިކޯޓުން ކުރި ހުކުމުގައި ވަނީ ޕީޕީއެމުން ސެޕްޓެމްބަރު ފަހުކޮޅު ބޭއްވި ކޮންގްރެސް ސައްހަ ކަމަށާއި އެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި ބަދަލާއި އިންތިހާބު ކުރި އިންތިހާބު ކުރި މަގާމުތައް ވެސް ސައްހަ ކަމަށް ކަނޑައަޅާފައެވެ. އަދި ޕީޕީއެމްގެ މަގާމުތަކަށް އިންތިހާބު ކުރި މީހުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ޖެއްސުމަށް ވެސް ހައިކޯޓުން އަމުރުކޮށްފައިވެއެވެ.

އިތުރުކަމެއް ސާފުކުރަން ނެތް ނަމަ ދެން މިމައްސަލާގައި އޮންނާނީ ސުޕްރީމް ކޯޓުން ހުކުމް ކުރުމެވެ. އެ މައްސަލައިގައި ބޭއްވީ އެންމެ އަޑުއެހުމެކެވެ.

މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.

ރިޔާސީ އިންތިހާބަށްފަހު ބޭއްވި އެ ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ހަތަރު ނާއިބު ރައީސުންނާއި އެހެން އިސް މަގާމުތަކަށްވެސް މީހުން އިންތިޚާބުކޮށްފައެވެ. ނަމަވެސް ޕީޕީއެމްގެ މައްސަލަ މިހާރު ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާއި އެއްކޮޅަށް ނުނިމޭނެ ކަމަށް ބަލައި އެބޭފުޅުން ގެންދަވަނީ އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.