މީގެ 800 ވަރަކަށް އަހަރު ކުރިން މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައި ޕޯޗުގީޒުން، ރާއްޖެ އެމީހުންގެ އަޅުވެރި ކަމުގެ ދަށަށް ގެންދިޔައެވެ. އެމީހުންގެ ކިބައިން ސަލާމަތް ވުމަށްޓަކައި އުތީމު ތިންބެއިން ކުރެއްވި ވަރުގަދަ ޖިހާދުގައި މަރޮށީ ރާވެރިބޭ ވަނީ ވަރަށް މުޙިއްމު ދައުރެއް އަދާކޮށްދެއްވާފައެވެ.

ޕޯޗުގީޒުންގެ އަޅުވެރިކަމުން ރާއްޖެ ސަލަމާތް ކުރުމަށްޓަކައި ކުރެއްވި މަސައްކަތާއި ގުޅުންހުރި "ބޮޑު ކާނިގަސް" ހުންނަނީ ށ.މަރޮށީގައެވެ. ބުނެވޭ ގޮތުގައި މިގަހަކީ އުތީމު ތިންބެއިން ގެންގުޅުއްވި އޮޑި، "ކަޅުއޮށް ފުންމި" ގެ ރިޔާ ބަދަލުކުރުމަށްޓަކައި މަރޮށީ ރާވެރިބޭ ތައްޔާރުކޮށްދޭ އައު ރިޔާ ބޭއްވުމަށް، މުޙައްމަދު ތަކުރުފާނު އެ ތާނގަ ޖެއްސެވި ކާނި ކަޑައަކުން ހެދުނު ގަހެކެވެ. ބައެއް ފޮތްތަކުން ފެންނަން ހުރި ގޮތުގައި އެ ސަރަހައްދުގައި ތިން ގަޑައެއް ޖެއްސެވިއެވެ. ނަމަވެސް ރޯވެ، ހެދުނީ ދެ ކަޑައެވެ. މުޙައްމަދު ތަކުރުފާނު ރިޔާ ބައްލަވައި ރޭގަނޑު ވަޑައިގަންނަވާއިރު، އައު ރިޔަލަކާއި، ހަކުރު ގުޅިއަކާއި، ދެފަތި ކާށި ރާވެރިބޭ ބަހައްޓާފައި ހުންނަ ކަމަށްވެއެވެ.

ކޮންމެއަކަސް، ދިވެހި ތާރީޙާއި ގުޅުންހުރި އަދި ރާއްޖެ، ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްވުމަށް ކުރެވުނު މި އަގުހުރި މަސައްކަތާއި ގުޅުންހުރި ތަރިކައެއް އެއްވެސް އަޅާލުމެއް، ބެލެހެއްޓުންތެރިކަމެއް ނެތި ދިއުމަކީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެކެވެ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ތާރީޚު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނީ އެ ތަންތަން ޙިމާޔަތްކޮށް، ރަނގަޅު ގޮތުގައި ބެލެހެއްޓިގެންނެވެ.

މަރޮށީ ކައުންސިލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މީގެ 15 ވަރަކަށް އަހަރު ކުރިން އެ ސަރަހައްދުގެ އިން ވަކިކޮށްލުމަށް ފަށާފާރެއް ރޭނުން ފިޔަވައި އެތަން ބަލަހައްޓަން އެއްވެސް މަސައްކަތެއް ސަރުކާރުތަކުން ކޮށްފައެއް ނުވެއެވެ. މިހާރު އެ ސަރަހައްދު ސާފުކޮށް ބަލަހައްޓަނީ ވެސް، އިޖްތިމާޢީ ސަހަރައްދުތައް ސާފުކުރުމަށް ކައުންސިލަށް ދީފައި ހުންނަ ފައިސާއިން ޚަރަދުކޮށްގެން ކަމަށްވެސް މަރޮށީ ކައުންސިލްގެ ރައީސް ޢަބްދުލްޢަޒީޒް މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

"އެތަނަކީ އެއްވެސް ވަރެއްގެ އަޅާލުމެއް ލިބިފައިވާ ތަނެއް ނޫން. ވަށާފާރު ވެސް ވަނީ ކޮންމެވެސް ވަރަކަށް ހަލާކުވެފައި. އެތަނަކީ މަރާމާތު ކުރެވޭ ތަނެއް ނޫން. ދެން މިރަށުގައި އޮންނަ ސަރަހައްދެއްވީމަ ކައުންސިލުން މިރަށު އަންހެންވެރިންނާއި ހަވާލުކޮށްގެން މި ސާފުކުރަނީ. އެއްވެސް ބަޖެޓެއް ވެސް މި ކަމަކަށް ސަރުކާރުން ނުދެއްވާ." ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ.

ކަންމިހެން ހުރިއިރު، މަރޮށީ ބޮޑު ކާނިގަސް މިއަށްވުރެ ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. އެ ސަރަހައްދަކީ ގޮނޑުދޮށާ ވަރަށް ކައިރި ސަރަހައްދެއްކަމަށްވާތީ، އުދަ އަރާ ދުވަސްވަރު ނުވަތަ ބައެއްފަހަރަށް ދިޔަވަރު ބޮޑުވާ ދުވަސްވަރު އެ ސަރަހައްދަށް ރާޅު އެރުމަކީވެސް ދިމާވާ ކަމެކެވެ.

"ވީ އެންމެ އަވަހަކަށް ސަރުކާރުން އެބަޖެހޭ މިކަމަށް ކޮންމެވެސް އަލިމަގެއް ހޯދައިދޭން. ކަމާބެހޭ މިނިސްޓްރީތައް ވެސް މިހާރު އެބަހުރި. މި ތަނަކީވެސް ރަނގަޅަށް ބެލެހެއްޓިއްޖެ ކަމަށްވަނީނަމަ ރަނގަޅު އާމްދަނީއެއް ވެސް ހޯދިދާނެ ތަނެއް. ރަށުން ބޭރުން ޒިޔާރަތް ކުރާ މީހުންނަށާއި ފަތުރުވެރިންނަށް މި ސަރަހައްދައް ވަނުމަށް ވަކި ފީއެއް ކަނޑައަޅައިގެން ފައިސާ ހޯދިދާނެ. އުތީމު ގަނޑުވަރުވެސް އެ ބަހަލައްޓަނީ އެގޮތަށް" ޢަޒީޒް ވިދާޅުވިއެވެ.

 

މަރޮށީ ބޮޑު ކާނިގަސް ، ފޮޓޯ: މަރޮށި ކައުންސިލް

މަރޮށީ ބޮޑު ކާނިގަހުގެ އިތުރުން ދިވެހި ތާރީޚާއި ގުޅުންހުރި ވަރަށް ގިނަ ތަންތަން ރާއްޖޭގެ ރަށްރަށުގައި އެބަހުއްޓެވެ. އެގޮތުން އުތީމު ގަނޑުވަރާއި، ކަނދުވަލު މިސްކިތާއި، ކަނޑި ކާނިގަހުގެ އިތުރުން ބަޑި ފަސްގަނޑު ހިމެނެއެވެ. އަދި ތާރީޚާއި ގުޅުންހުރި ވެވެއްވެސް އުތީމުގައި އޮވެއެވެ. ހަމައެހެންމެ ހއ.ބާރަށީ ވެސް ރާއްޖެ މިނިވަން ކުރުމުގެ މަސައްކަތުގެ ޙިއްސާ އޮންނަ ރަށެކެވެ. އެގޮތުން ކަޅުއޮށްފުންމި ބަނީ އެރަށުގައެވެ. އަދި އެ މަސައްކަތާއި ގުޅުންހުރި ދެ ވަޅުވެސް އެ ރަށުގައި އެބަހުއްޓެކެވެ. މީގެ އިތުރުން ކަނބާއައިސާ މަހާނައާއި ވަރަށް އާސާރީ މިސްކިތެއް ވެސް ބާރަށުގައި އެބަ ހުއްޓެވެ.

ނަމަވެސް މިއިން އެއްވެސް ތަނެއް ހިމާޔަތް ކުރަން މާބޮޑު މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރޮށި

    (("ވީ އެންމެ އަވަހަކަށް ސަރުކާރުން އެބަޖެހޭ މިކަމަށް ކޮންމެވެސް އަލިމަގެއް ހޯދައިދޭން. ކަމާބެހޭ މިނިސްޓްރީތައް ވެސް މިހާރު އެބަހުރި. މި ތަނަކީވެސް ރަނގަޅަށް ބެލެހެއްޓިއްޖެ ކަމަށްވަނީނަމަ ރަނގަޅު އާމްދަނީއެއް ވެސް ހޯދިދާނެ ތަނެއް. ރަށުން ބޭރުން ޒިޔާރަތް ކުރާ މީހުންނަށާއި ފަތުރުވެރިންނަށް މި ސަރަހައްދައް ވަނުމަށް ވަކި ފީއެއް ކަނޑައަޅައިގެން ފައިސާ ހޯދިދާނެ. އުތީމު ގަނޑުވަރުވެސް އެ ބަހަލައްޓަނީ އެގޮތަށް" ޢަޒީޒް ވިދާޅުވިއެވެ.))
    ސަޅި ކަމެއް
    މަގޭ 2 ?.. މަގޭ ރަށް
    ވަރަށް ލޯބިވޭ...???❤❤❤

  2. އެނޮނިމަސް

    ކޮން ހަނދާނެއް ކުރާކަށް، ޓެރަރިސްޓުންނަށް ވާގިވެރިވާ މީހުން