އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާންގައިވަނީ އިލެކްޝަންގެ އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން، އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން މީގެ އިތުރުން ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ކަމަށެވެ.

އޮފިޝަލުންނަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން މާޗް މަހުގައި ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭއިރު މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެކަމަށް އިލެކްޝަންސް ކޮނިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ޝަރުތު ހަމަވާ ފަރާތްތަކުން 07 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު ,އަތޮޅު, ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.

އަދި އީމެއިލް ކުރައްވާނަމަ[email protected] އަށް ފޮނުއްވުން ކޮމިޝަނުންވަނީ އެދިފައެވެ. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު,އަތޮޅު, ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.election.gov.mv އިން ލިބެންހުންނާނެއެވެ.

މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީރަޖިސްޓްރީވުމަށް މިފަހަރު ވަނީ ތަފާތު ގޮތެއް ހަމަޖައްސާފަ އެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި ރީރަޖިސްޓްރީ ކުރި ފަރާތްތަކުގެ ތެރެއިން މަޖިލިސް އިންތިހާބަށް އަލުން ރީރަޖިސްޓްރީ ކުރަންޖެހޭނީ އޭރު ރަޖިސްޓްރީކުރި ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަންޏެވެ. އިންތިޚާބުގައި ރީރަޖިސްޓްރީ ވާން އަދި ހުޅުވައެއް ނުލައެވެ.